ނިއުކާސަލްއާ ދެކޮޅަށް ލިވަޕޫލުން ކުޅުނު މެޗުގައި، ޕެނެލްޓީއެއް ހޯދުމަށް މުހައްމަދު ސަލާހް "ޑައިވް" ކުރި ކަމަށް ބުނާ މައްސަލައިގައި ފިޔަވަޅު ނާޅަން އިނގިރޭސި އެފްއޭއިން ނިންމައިފިއެވެ.

ބޮކްސިން ޑޭގައި ލިވަޕޫލުން ކުޅުނު މެޗުގައި ލިވަޕޫލުން ނިއުކާސަލް ބަލިކުރީ 4-0ގެ ނަތީޖާއަކުންނެވެ. މެޗުގައި ލިވަޕޫލުން ޖެހި ދެވަނަ ގޯލަކީ ޕެނެލްޓީއަކުން ޖެހި ގޯލެކެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ނިއުކާސަލްގެ ކޯޗު، ރަފޭލް ބެނިޓޭޒް ބުނެފައި ވަނީ 1-0ގެ ނަތީޖާގައި އޮތް އިރު، ނިއުކާސަލްއަތީ ހިތްވަރާ އެކުގައި ކަމަށެވެ. އެހެން ނަމަވެސް، މެޗުގެ ނަތީޖާ އެނބުރުނީ ދެވަނަ ގޯލާއެކުގައި ކަމަށާއި، ސަލާހް ގައިގައި ނުޖެހި ޑިފެންޑަރު ބޯޅަ ހޯދުމުން ރެފްރީ ދިން ޕެނެލްޓީއާއެކު ޓީމުގެ ހިތްވަރު ގެއްލުނު ކަމަށްވެސް ބެނިޓޭޒް ބުންޏެވެ.

ސަލާހަށް ފިޔަވަޅު ނާޅަން އެފްއޭއިން ނިންމުމާ ގުޅިގެން ކުރިއަށް އޮތް މުހިއްމު ދެ މެޗުގައިވެސް ކުޅުމުގެ ފުރުސަތު އޭނާއަށް ލިބޭނެއެވެ. ލިވަޕޫލުން އާސެނަލް އަދި ވާދަވެރި މެންޗެސްޓާ ސިޓީއާ ދެކޮޅަށްވެސް ނުކުންނަ ޖެހިފައި އޮތް އިރު، އެޓީމުން ލީގުގެ އެއްވަނައިގައި އޮތީ ހަ ޕޮއިންޓްގެ ލީޑަކާއެކު ގައެވެ.

މިދިޔަ ސީޒަންގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދި، ސަލާހް ވަނީ މި ސީޒަންގައިވެސް މިހާތަނަށް 12 ގޯލް ލިވަޕޫލަށް ކާމިޔާބުކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު