އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި އޮތް ލިވަޕޫލާ ދެކޮޅަށް، އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ރޭ ނުކުތީ މަރުގެ މެޗަކަށެވެ.

ރޭގެ މެޗުން ސިޓީ ބަލިވި ނަމަ، ލިވަޕޫލަށް ތާވަލުގެ އެއްވަނައިގައި 10 ޕޮއިންޓްގެ ލީޑެއް ލިބޭނެއެވެ. ރޭގެ މެޗަށް ނުކުތް އިރު، ލިވަޕޫލުން އޮތީ ލީގުގައި ކުޅުނު 20 މެޗުންވެސް ބަލިނުވެއެވެ. ސިޓީން ފަހަކަށް އައިސް ކުޅުނު ބައެއް މެޗުތަކުގައި އެޓީމުގެ އެންމެ މޮޅު ކުޅުން ފެނިފައެއް ނުވެއެވެ.

އެެހެން ނަމަވެސް، ސިޓީގެ ދަނޑުގައި މިރޭގެ މެޗު އޮތުމުން ގިނަ ބަޔަކު ބުރަވީ ސިޓީން މެޗު ކާމިޔާބުކުރާނެ ކަމަށެވެ. މި ސީޒަންގެ ލީގުގައި މިހާތަނަށް ކުޅެވުނު އެންމެ ފޯރިގަދަ އެއް މެޗު، ރޭ ނިމިގެންދިޔައީ ސިޓީ ކޮޅަށެވެ. 2-1ގެ ނަތީޖާއަކުން ސިޓީން މެޗު ކާމިޔާބުކުރުމާއެކު އެޓީމު ވަނީ ލިވަޕޫލާ ހަތަރު ޕޮއިންޓް ގާތަށް ޖެހިލާފައެވެ.

މެޗު ފެށިގެން ދެޓީމުންވެސް ފެނުނީ ހައި ޕްރެސިން ކުޅުމެކެވެ. މެދުތެރެއިން ޕާސްތައް ޖަހަން މަސައްކަތް ކުރި ނަމަވެސް، އެއްވެސް ޓީމަކަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކުރެވިފައެއް ނުވެއެވެ. ފުރަތަމަ ނުރައްކާ ލިވަޕޫލުން ފެނިގެންދިޔަ އިރު، ޑިފެންޑަރު ކައިރިން ނެއްޓިލާފަ ސަޑިއޯ މާނޭ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލްގެ ދަނޑިއަށެވެ. އަދި ރީބައުންސް ބޯޅަ ސިޓީގެ ޑިފެންޑަރު ސްޓޯންސް، ސާފު ކޮށްލަން ޖެހި ނަމަވެސް އަމާޒުވީ ގޯލްކީޕަރު އެޑަސަން ބޮލަށެވެ.

އެޑަސަންގެ ބޮލުގައި ޖެހި ގޯލްގެ ރޮނގު ހުރަސް ކުރަން ބޯޅަ ދިޔަ ނަމަވެސް، މިލިމީޓަރެއްހާތަން ރޮނގުމަތީގައި އިންދާ ބޯޅަ ސާފުކޮށްލީ ސްޓޯންސްއެވެ. ލިވަޕޫލްގެ ހަމަލާއަށްފަހު ސިޓީން އެޓޭކަށް ނުކުތެވެ. ރަނގަޅު ޕާސްތަކަކާއެކު އޭރިއާ ތެރެއަށް ދެތިން ހުރަހެއް ޖެހި ނަމަވެސް، ވެންޑައިކް ވަނީ ފަހަތުން ސާބިތުކަން ދައްކާފައެވެ.

ސިޓީން ލިވަޕޫލްގެ ގޯލް ފޫއަޅުވާނީ 40 ވަނަ މިނެޓުގައެވެ. އަރިމަތިން ބާނާޑޯ ސިލްވާ ނަގައިދިން ހުރަސް، ކޮންޓްރޯލް ކޮށްލުމަށްފަހު ގޯލްކީޕަރުގެ ހަނި އޭންގަލުން މަތީ ދާގަނޑަށް އަމާޒުކޮށްލީ ކުން އަގުއޭރޯއެވެ. އެއީ އަގުއޭރީ ލީގުގައި ސިޓީއަށް ޖަހައިދިން 250 ވަނަ ގޯލެވެ.

އަގުއޭރޯގެ ރީތި ގޯލާއެކު ސިޓީން ހާފް ނިންމާލި ނަމަވެސް، ދެވަނަ ހާފް ފެށިގެން ގިނަ އިރެއް ނުވެ، ލިވަޕޫލުން އުންމީދު އާކުރިއެވެ. މެޗުގެ 64 ވަނަ މިނެޓުގައި ފިރްމީނޯގެ ގޯލާއެކު ލިވަޕޫލުން ނަތީޖާ ހަމަހަމަ ކުރި އިރު، ދެވަނަ ހާފްގައި ސަލާހަށް ވަނީ މޮޅުވާންވެސް ފުރުސަތު ލިބި ބޭކާރުވެފައެވެ.

ގޯލެއް ޖަހާ އެއްވަރު ކުރި ނަމަވެސް، އަނެއްކާވެސް ސިޓީން ތަފާތު ދެއްކިއެވެ. ހަލުވި ކައުންޓާ އެޓޭކެއްގައި ރަހީމް ސްޓާލިން ދިން ބޯޅަ، ސާނޭ ތިރިތިރިން ގޯލަށް ވައްދާލީ ގޯލްގެ ދަނޑީގައިވެސް ޖައްސާލާފައެވެ. ލިވަޕޫލުން ފަހު ވަގުތާ ޖެހެންދެން ކުރިއަށް ޖެހި، އެޓޭކް ކުރަމުންދިޔަ ނަމަވެސް، ސިޓީން ހިފަހައްޓާލިއެވެ.