ކޯޗު ކަމުގެ ދާއިރާއިން ރިޓަޔާ ކުރާ ވަރަށްވުރެ މާ ޒުވާން ކަމަށް މެންޗެސްޓާ ޔުނައިޓެޑް އަދި ޗެލްސީގެ ކުރީގެ ކޯޗު، ހޯޒޭ މޮރީނިއޯ ބުނެފިއެވެ.

މިދިޔަ މަހުގެ ތެރޭގައި ޔުނައިޓެޑްގެ ކޯޗު ކަމުން ދުރުކޮށްފައިވާ މޮރީނިއޯ މިވަގުތު ހުރީ ކްލަބެއް ނެތިއެވެ. އެހެން ނަމަވެސް، އޭނާ ގެންދިޔުމަށް ޔޫރަޕްގެ ބޮޑެތި ކްލަބުތަކުން މަސައްކަތް ކުރާ ކަމަށް މީޑިއާގައި ދަނީ އަޑުގަދަވަމުންނެވެ.

ބީބީސީއަށް ދިން އިންޓަވިއުއެއްގައި މޮރީނިއޯ ރިޓަޔާކުރާނަންތޯ ސުވާލު ކުރުމުން އޭނާ ބުނީ އޭނާއަކީ ކޯޗަކަށް އަދި ޒުވާނެއް ކަމަށެވެ.

"އަހަރެން ބޭނުންވޭ ކޯޗުކަން ކުރަން. އަހަންނަކީ އެންމެ މަތީ ފަންތީގެ ކޯޗެއް. އަހަރެން އަދި މާ ޒުވާން ފުޓުބޯޅަ ދޫކޮށްލަން. މަދު ދުވަސްކޮޅެއްގެ ތެރޭގައި އަހަންނަށް 56 އަހަރު ވާނެ. އެކަމަކު ކޯޗަކަށް އެއީ ހަމަ ޒުވާން އުމުރު،" މޮރީނިއޯ ބުންޏެވެ.

ޔުނައިޓެޑާ ހަވާލުވެ، ދެއަހަރު ތެރޭގައި މޮރީނިއޯއަށް މާބޮޑު ކާމިޔާބީއެއް ހޯދިފައިނުވާ އިރު، އޭގެ ކުރިން އޭނާ ޗެލްސީން ފޮނުވާލީވެސް އެޓީމުގެ ކުޅުންތެރިންނާ މައްސަލަ ޖެހިއެވެ. އަދި ޔުނައިޓެޑްގެވެސް އެންމެ މުހިއްމު ކުޅުންތެރިން ކަމަށް ޕޮގްބާ ފަދަ ކުޅުންތެރިންނާ މޮރީނިއޯ ވަނީ މައްސަލަ ޖެހިފައެވެ.

ޔުނައިޓެޑާ މޮރީނިއޯ ޕޭ އޮފް އެއްބަސްވުމުގައި ވާގޮތުން އޭނާ ޔުނައިޓެޑް ދޫކޮށްލި ސީދާ ސަބަބާ ގުޅިގެން ވާހަކަ ދެއްކުމުގެ ފުރިހަމަ ބާރު އޭނާއަކަށް ނޯވެއެވެ. އެހެން ނަމަވެސް ބީބީސީއަށް ދިނ އިންޓަވިއުގައި އޭނާ ވަނީ ކޮންމެވެސް ވަރަކަށް ޔުނައިޓެޑްގެ ވާހަކަ ދައްކާފައެވެ.

މޮރީނިއޯ ބުނެފައި ވަނީ ޔުނައިޓެޑަށް ބޭނުން ވަނީ "މޮޑާން ކުޅުންތެރިން" ބެލެހެެއްޓުމަށް ކޯޗަށް ހިތްވަރުދޭނެ ސިސްޓަމެއް ކަމަށެވެ.

ކޯޗުކަމުން ޗުއްޓީއެއްގައި ހުރި މޮރީނިއޯއަކީ މިހާރު ބީންގ ސްޕޯޓްސްގެ ފުޓުބޯޅަ ޕަންޑިތެކެވެ.

ކިޔުންތެރިންގެ ހިޔާލު