އިނގިރޭސި ޕްރިިމިއާ ލީގުގައި މިރޭ ލިވަޕޫލުން ކުޅުނު މެޗުގައި ކްރިސްޓަލް ޕެލެސްގެ މައްޗަށް ކުރި ހޯދައިފިއެވެ.

އަމިއްލަ ދަނޑުގައި މިރޭ ކުޅުނު ފޯރިގަދަ މެޗު ލިވަޕޫލުން ކާމިޔާބުކުރީ 4-3ގެ ނަތީޖާއަކުންނެވެ. މެޗުގައި ސަލާހްގެ ދެ ގޯލް ފެނިފައިވާ އިރު، މިރޭގެ ގޯލްތަކާއެކު ޕްރިމިއާ ލީގުގައި ސަލާހް ޖެހި ގޯލްގެ އަދަދު ވަނީ 50 އަށް އަރާފައެވެ. ލިވަޕޫލް ޖާޒީގައި އޭނާ 48 ގޯލް ޖެހި އިރު، ޗެލްސީއަށް ދެ ގޯލް ޖަހައިދީފައިވެއެވެ.

މެޗުގެ ފުރަތަމަ ހާފް ޑޮމިނޭޓް ކޮށް، ކުޅުނީ ލިވަޕޫލުންނެވެ. އެހެން ނަމަވެސް، މެޗުގެ ލީޑު ނެގީ ކްރިސްޓަލް ޕެލެސްއިންނެވެ. ވިލްފްރެޑް ޒަހާގެ ހުރަސް، ގޯލް ކައިރީގައި ހުރެ އެންދްރޭ ޓައުންސޭންޑް ފޮނުވާލި އިރު، ލިވަޕޫލްގެ ގޯލްކީޕަރު އެލިސަން ބެކާއަށް ކުރެވުނު މާބޮޑު ކަމެއް ނެތެވެ.

ފުރަތަމަ ހާފްގައި ވަރުގައަށް ކުޅެ، ފަހަތުގައި އޮވެ ނިންމާލަން ޖެހުނު ލިވަޕޫލުން ދެވަނަ ހާފަށް ނުކުތީ ރަނގަޅު ފޯމެއްގައެވެ. ދެވަނަ ހާފަށް ނުކުމެ ލިވަޕޫލަށް އެއްވަރު ކުރަން ނެގީ އެންމެ މިނެޓެކެވެ. ސަލާހްގެ ގޯލާއެކު އެޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިން އިރު، އޭގެ އިރުކޮޅެއްފަހުން ފިރްމީނޯގެ ގޯލާއެކު ލިވަޕޫލުން ލީޑުވެސް ނެގިއެވެ.

ލިވަޕޫލުން ފަހަތުން އަރާ ލީޑު ނެގި ނަމަވެސް، ޕެލެސްއިން އުންމީދު ގެއްލުވާ ނުލައެވެ. 65 ވަނަ މިނެޓުގައި ލިބުނު ކޯނަރުން ޓޮމްކިންސް އެޓީމަށް ނަތީޖާ ހަމަހަމަކޮށްދިނެވެ. ނަތީޖާ ހަމަހަމަކޮށް އުންމީދާއެކު ކުޅެމުންދިޔަ ޕެލެސް މާޔޫސް ކޮށްލީ މެޗުގެ 75 ވަނަ މިނެޓުގައި އެޓީމުގެ ގޯލްކީޕަރެވެ.

ފިރްމީނޯގެ ހުރަހެއް ޕަންޗު ކޮށްލަން އުޅެނިކޮށް، އަތުގައި ޖެހި ވެއްޓުނު ބޯޅަ ގޯލަށް ވައްދާލީ ސަލާހެވެ. މެޗުގެ 89 ވަނަ މިނެޓުގައި ލިވަޕޫލްގެ މިލްނާއަށް ރަތް ކާޑުވެސް ދައްކާފައިވާ އިރު، އެޓީމަ ނަތީޖާ ޔަގީންކޮށްދިނީ ނިމެން ދަނިކޮށް ސަޑިއޯ މާނޭއެވެ.

މެޗު ނިމެން ދަނިކޮށް ޕެލެސްގެ މެޔާ ގޯލެއް ޖެހި ނަމަވެސް، ނަތީޖާ އަނބުރާ ލެވިފައެއް ނުވެއެވެ.

މިރޭގެ މެޗުން މޮޅުވެ، 23 މެޗުން 60 ޕޮއިންޓާއެކު ލިވަޕޫލުން އޮތީ ތާވަލުގެ އެއްވަނައިގައެވެ. ދެވަނައިގައި ސިޓީ އޮތީ 22 މެޗުން 53 ޕޮއިންޓާއެކުގައެވެ. މިރޭގެ މެޗުން ބަލިވެ ޕެލެސް އޮތީ ލީގު ތާވަލުގެ 14 ވަނައިގައެވެ. 23 މެޗުން އެޓީމަށް ލިބެނީ 22 ޕޮއިންޓެވެ.