އެގްރިގޭޓް 10-0ގެ ނަތީޖާއަކުން ބާޓަން ބަލިކޮށް، މެންޗެސްޓާ ސިޓީން ލީގު ކަޕްގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

ސެމީ ފައިނަލް ފުރަތަމަ ލެގުގައި ސިޓީން އަމިއްލަ ދަނޑިގައި ބާޓަން ކޮޅަށް ނުވަ ގޯލް ޖެހި އިރު، ތިންވަނަ ޑިވިޝަންގެ ބާޓަން ދަނޑުގައި ރޭ ކުޅުނު މެޗު ނިމުނީ 1-0ގެ ނަތީޖާއަކުންނެވެ.

ރޭގެ މެޗަށް ނުކުތް އިރުވެސް، ސިޓީއަށް ފައިނަލްގެ ޖާގަ ވަރަށް ބޮޑަށް ޔަގީންވެފައި އޮތް ނަމަވެސް، ސިޓީގެ ފުރަތަމަ 11ގައި އެޓީމުގެ ސީނިއާ ބައެއް ކުޅުންތެރިން ކޯޗު ޕެޕް ގާޑިއޯލާ ވަނީ ހިމަނާފައެވެ. އޭގެ ތެރޭގައި މެޗުގެ ހަމައެކަނި ގޯލް ޖެހި ސާޖިއޯ އަގުއޭރޯގެ އިތުރުން ކެވިން ޑިބްރޭނާއާއި ރިޔާދު މަހަރޭޒް ހިމެނެއެވެ.

މެޗުގައި ޖެހި ހަމައެކަނި ގޯލް، މެޗުގެ 26 ވަނަ މިނެޓުގައި އަގުއޭރޯ ކާމިޔާބުކުރީވެސް މަހަރޭޒްގެ ޕާހަކުންނެވެ. އެ ގޯލަށް ފަހިކޮށްދިނުމުގައި ޑިބްރޭނާގެވެސް ހިއްސާ ބޮޑެވެ.

މެޗުގައި ބާޓަންއަށްވެސް ފުރުސަތެއް ލިބިގެންދިޔައެވެ. ވިލް މިލާ ފޮނުވާލި ހަމަލާ ސިޓީގެ ޑިފެންސުން ސާފު ކޮށްލީ ގޯލްގެ ރޮނގު މަތިންނެވެ. އެ ބޯޅަ ގޯލް ރޮނގުމަތިން ސާފު ކޮށްލީ ސިޓީގެ ޒުވާން ޑިފެންޑަރު އެރިކް ގާސިއާއެވެ.

ގާޑިއޯލާގެ ޓީމުން ޒުވާން ކުޅުންތެރިންގެ ހުނަރިވެސް ފެނިގެންދިޔަ އިރު، ރޭގެ ނަތީޖާއަކީ ބާޓަންއަށް ތާރީހީ ނަތީޖާއެކެވެ. ހާއްސަކޮށް ލީގު ކަޕްގެ ސެމީ ފައިނަލާ ހަމައަށް ދިޔުމަކީ ކްލަބު ތާރީހުގައިވެސް ފާޙަގަކޮށްލެވޭ ކާމިޔާބީއެކެވެ.

ސިޓީން ފައިނަލްގައި ވާދަކުރަން ޖެހޭ ޓީމު ޔަގީން ވާނީ މިރޭ ޗެލްސީއާ ޓޮޓެންހަމް ވާދަކުރާ ސެމީ ފައިނަލް ދެވަނަ މެޗުގެ ދެވަނަ ލެގު ނިމުމުންނެވެ. ފުރަތަމަ ލެގު، 1-0ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޓޮޓެންހަމްއެވެ.