އިންގްލިޝް ޗެނަލްގެ ތެރެއިން ގެއްލުނު މަލިބޫ އެއާކްރާފްޓުގައި ދަތުރުކޮށްފައިވާ ކާޑިފްގެ ފޯވަޑް، އެމިލިއާނޯ ސަލާ ގެއްލިގެން ހޯދާތާ ދެ ދުވަސް ފަހުން، ހޯދުމުގެ މަސައްކަތް، ފްލައިޓް ގެއްލުނު ސަރަހައްދު ކަމަށްވާ ގުއެނާސީ ސްޓޭޓް ޕޮލިހުން ހުއްޓާލުމާއެކު، ހޯދުމުގެ މަސައްކަތް އަލުން ފެށުމަށް މުޅި ފުޓުބޯޅަ އާއިލާއިން ގޮވާލިއެވެ.

ސަލާގެ އާއިލާއެކު ދުނިޔޭގެ ފުޓުބޯޅަ ލެޖެންޑުން ކަމަށްވާ ޑިއޭގޯ މަރަޑޯނާއާއި އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ އަދި ޖިއާން ލުއީޖީ ބުފޮން ފަދަ ކުޅުންތެރިން، ހޯދުމުގެ މަސައްކަތް އަލުން ފެށުމަށް ގޮވާލި އިރު، އެކަން އިނގިރޭސި ސަރުކާރުން ނުކުރި ނަމަވެސް އަމިއްލަ ކުންފުންޏެއް ހިފައިގެން ކުރަންވެސް ސަލާގެ އޭޖެންޓް ނިންމިއެވެ.

އެގޮތުން ސަލާ ނިސްބަތްވާ އޭޖެންސީ، ސްޕޯޓްސް ކަވާއިން ވަނީ ހޯދުމުގެ މަސައްކަތަކަށް ބަޔަކު ކުއްޔަށް ހިފުމަށް ހާއްސަ އޮންލައިން ޑޮނޭޝަން ކެމްޕެއިނެއް ފަށާ، ތިން ލައްކަ ޑޮލަރަށް ޓާގެޓް ޖަހާފައެވެ. އެ އަދަދު މިހާރު ހަތަރު ލައްކައަށްވުރެވެސް ބޮޑުވެފައިވާ އިރު، ސަލާގެ ފްލައިޓް ހޯދުމުގެ މަސައްކަތް އަމިއްލަ ކުންފުންޏަކުން ވަނީ ފަށާފައެވެ.

އެމިލިއާނޯ އޭނާގެ މަންމައާއެކު ----

ސަލާ ހޯދުމުގެ ކެމްޕޭނަށް ފުޓުބޯޅަ ކުޅުންތެރިން ކަމަށްވާ ޑިމިޓްރީ ޕަޔެޓާއި ރެބިއޮޓް އަދި މެސީއާއި ހިގުއައިންވެސް ފައިސާ ހަދިޔާކޮށްފައިވާ އިރު، އެމްބާޕޭ ވަނީ 34،000 ޕައުންޑް އެކަމަށް ހަދިޔާކޮށްފައެވެ.

ކާޑިފްއާއި ސަލާގެ ކުރީގެ ކްލަބު ނަންޓޭސްއިންވެސް ސަލާއަށް އެހީތެރިވުމަށް ގިނަ މަސައްކަތަކެއް ކޮށްފައިވާ އިރު، އާއިލާއިން ވަނީ އެ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ. ސަލާގެ ދައްތަ ރޮމިނާ މިހާރު ކާޑިފްގައި ހުރި އިރު، އޭނާ ވަނީ އިނގިރޭސި ސިފައިންގެ ކިބައިންވެސް ފްލައިޓް ހޯދުމުގެ މަސައްކަތް ފެށުމަށް އެދިިފައެވެ.

ސަލާގެ ދައްތަ ބުނެފައި ވަނީ އިނގިރޭސި ފުލުހުންގެ ޓީމަށްވެސް ޝުކުރު އަދާކުރާ ކަމަށާއި، ފުލުހުން ދިޔައީ އަބަދުވެސް އާއިލާގެ ސުވާލުތަކަށް ޖަވާބު ދެމުން ކަމަށެވެ. އެހެން ނަމަވެސް، އާއިލާއިން ގަބޫލުކުރާ ގޮތުގައި އަދިވެސް ސަލާ ދިރިހުއްޓާ ފެނުން އެކަށީގެންވާ ކަމަށާއި، އާއިލާއިން ބޭނުން ވަނީ ކުޑަވެސް އުންމީދެއް އޮތީތީ އަދިވެސް ފްލައިޓް ހޯދަން ކަމަށްވެސް ރޮމިނާ ބުނެފައިވެއެވެ.

ގުއެނާސީ ސްޓޭޓް ޕޮލިހުގެ ހާބާ މާސްޓާ ކެޕްޓަން ޑޭވިޑް ބާކާ މީގެ ދެތިން ދުވަސް ކުރިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ފްލައިޓް ގެއްލުނު ވަގުތުން ފެށިގެން، އެ އިދާރާގެ ފްލައިޓްތަކާއި ސިފައިން ކުރަމުންދިޔަ މަސައްކަތް މިހާރު ހުއްޓާލާފައިވާ ކަމަށެވެ.

ފްލައިޓް ހޯދުމުގެ މަސައްކަތުގައި އިނގިރޭސިވިލާތާއި ފްރާންސްގެ ސަލާމަތީ ކަންކަން ބަލާ ފަރާތްތައް ހަރަކާތްތެރިވެފައިވާ އިރު، ގާތް ގަނޑަކަށް 17،000 ސްކަޔާ މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށް ބަޔާނުގައިވެއެވެ. އަދި އެ ސަރަހައްދުތައް އެއް ފަހަރަށްވުރެ ގިނައިން ބަލާފައިވާ ކަމަށާއި، ފޯނުގެ ސިގްނަލް އަދި ސެޓެލައިޓްގެ އެހީގައިވެސް ފްލައިޓް ހޯދުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވާ ކަމަށް ބަޔާނުގައިވެއެވެ.

ރާޑަރުން ގެއްލިފައިވާ ފްލައިޓްގައި ފްރާންސްގެ އެސްސީ ނާންޓޭސްއިން ކާޑިފްއާ ގުޅުނު ފޯވަޑްގެ އިތުރުން ފްލައިޓްގެ ޕައިލެޓް ޑޭވިޑް އިބަޓްސަން ހިމެނެއެވެ.

އެމިލިއާނޯ ކާޑިފްއަށް ބަދަލުވީ ކްލަބު ރެކޯޑު އަގެއްގައެވެ. ކާޑިފްގެ ސަޕޯޓަރުންގެ އިތުރުން އެސްސީ ނާންޓޭސްގެ ސަޕޯޓަރުންވެސް ގޮވަމުން ދަނީ އެމިލިއަނޯގެ ފްލައިޓަށް އުންމީދު ކަނޑާނުލުމަށެވެ.

ކިޔުންތެރިންގެ ހިޔާލު