ކުރިއަށް އޮތް ސީޒަނުގައިވެސް ޓީސީ ސްޕޯޓްސް ކްލަބުގެ މިޑްފީލްޑަރު މުހައްމަދު އައްޒާމް، އެ ކްލަބުގައި މަޑުކުރަން ނިންމައިފިއެވެ.

އައްޒާމް ޓީސީއާއެކު ކޮންޓްރެކްޓް އާކޮށްފައިވާކަން އެ ކްލަބުން ވަނީ ޔަގީން ކޮށްދީީފައެވެ.

އައްޒާމްއަކީ ފުޓްސަލްގައި ކުރިންވެސް ވިދަމުންއައި ކުޅުންތެރިޔެކެވެ. އޭނާގެ ހުނަރުވެރިކަމަށް ގިނަ ކްލަބުތަކަކުން ޝައުގުވެރިކަން ފާޅުކުރަމުން ދަނިކޮށް، ޓީސީން އޭނާގެ ސޮއި ހޯދީ 2015 ވަނަ އަހަރުގައެވެ. އޭގެ ފަހުން ޓީސީއާއެކު ކުޅެމުން ގޮސް، އައްޒާމް ވަނީ ރާއްޖޭގެ އެންމެ މޮޅު މިޑްފީލްޑަރުންގެ ތެރޭގައި ހިމެނިފައެވެ.

ޓީސީން ބަންގްލަދޭޝްގައި ބޭއްވި އިންވިޓޭޝަނަލް ކްލަބު މުބާރާތުގެ ޗެމްޕިއަންކަން ހޯދުމުގައި އައްޒާމްގެ ދައުރު ބޮޑެވެ. އެ މުބާރާތުން ވިދާލާ އައްޒާމް ވަނީ 2017 ވަނަ އަހަރު ގައުމީ ޓީމުންވެސް ޖާގަ ހޯދާފައެވެ. އެފަހުން އައްޒާމް ގައުމީ ޓީމުން ޖާގަ ހޯދަމުން އައި އިރު، ސާފް ޗެމްޕިއަންޝިޕަށް ނެގި ޕްލިމިނަރީ ސްކޮޑުގައިވެސް އޭނާ ހިމެނުނެވެ. އެހެން ނަމަވެސް އަނިޔާގެ ސަބަބުން މުބާރާތަށް ނުދެވުނެވެ.

ޑިފެންސުގެ އިތުރުން މެދުތެރެއަށްވެސް ކުޅޭ އައްޒާމަކީ އުމުރުން 28 އަހަރުގެ ހުނަރުވެރި ކުޅުންތެރިއެކެވެ.

މިދިޔަ ސީޒަންގެ ޗެމްޕިއަން ޓީސީން މިއަހަރަށް ސްކޮޑު ވަރަގަދަ ކުރަމުންދާ އިރު، މާޒިޔާގެ މިޑްފީލްޑަރު އިސްމާއީލް އީސަ، މެސީވެސް ވަނީ އެ ކްލަބާ ގުޅިފައެވެ.