ދިވެހި ޕްރިމިއާ ލީގުގައި ޓީސީ ސްޕޯޓްސް ކްލަބް ފަހަތަށް ޖައްސައި، ކްލަބް ގްރީން ސްޓްރީޓްސް ގަދަ ހަތަރެއް ކަށަވަރުކޮށްފިއެވެ.

ގްރީން އިން ގަދަ ހަތަރެއްގެ ޖާގަ ކަށަވަރުކުރީ މިރޭ ގަލޮޅު ދަނޑުގައި ޓީސީއާ ދެކޮޅަށް ކުޅުނު މެޗު 1-2 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްގެންނެވެ.

މިރޭ މި ދެޓީމު ކުޅެފައި ވަނީ ލީގުގެ ފަހު މެޗެވެ. މި ނަތީޖާއާއެކު ގްރީން ވަނީ ކުޅުނު 21 މެޗުން 30 ޕޮއިންޓް ހަމަކޮށް ތިންވަނައަށް ޖެހިލާފައެވެ. ޓީސީއަށް 21 މެޗުން 28 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު ވަނީ ފަސްވަނައަށް ވެއްޓިފައެވެ.

މިރޭގެ މެޗު ބޯ ވާރޭގަައި ކުޅެފައިވާއިރު ފުރަތަމަ ހާފް ނިމުނީ 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެގެންނެވެ. ނަމަވެސް ދެވަނަ ހާފްގެ ފަހުކޮޅު ގްރީން އިން ވަނީ ދެ ލަނޑު ޖަހާފައެވެ.

މިގޮތުން 59 ވަނަ މިނެޓުގައި ގްރީންގެ ފުރަތަމަ ލަނޑު ޖެހީ ސާއިފްއެވެ. އޭނާ މި ލަނޑު ޖެހީ އަންސަރު ފޮނުވާލި ހިލޭ ޖެހުން ގޯލު ދަނޑިއަށް އަމާޒުވެފައި އައި ރީބައުންސުން އެއްފަހަރުން ފޮނުވާލައިގެންނެވެ. އަދި ގްރީންގެ ދެވަނަ ލަނޑު 75 ވަނަ މިނެޓުގައި ކާމިޔާބުކުރީ ޖައިލަމްއެވެ.

ޓީސީއަށް ނަތީޖާގެ ފަރަގު ކުޑަކޮށްދިނީ އިތުރު ވަގުތުގެ ތެރޭގައި ލިބުނު ޕެނަލްޓީއަކުން މުސްލިހުއެވެ.

ލީގުގެ ގަދަ ހަތަރެއްގެ ޖާގަ ޓީސީއަށް ގެއްލިފައިވާއިރު، މާދަމާ ހަވީރު ގަދަ ހަތަރެއްގެ ފަހު ޖާގަ ކަށަވަރު ކުރުމަށް ނިކުންނާނީ ޔުނައިޓެޑް ވިކްޓްރީ އަދި ކްލަބް ވެލެންސިއާއެވެ. އެ ދެ ޓީމުވެސް 20 މެޗު ކުޅެފައިވާއިރު، ހަތަރު ވަނައިގައި ވެލެންސިއާ އޮތީ 29 ޕޮއިންޓާއެކުގައެވެ. އަދި ޔޫވީ ހަ ވަނައިގައި އޮތީ 26 ޕޮއިންޓާއެކުގައެވެ.

މާދަމާގެ މެޗުން ތިން ޕޮއިންޓް ހޯދައިގެން ޔޫވީއަށް ގަދަ ހަތަރަކުން ފުރުސަތު ލިބެން އޮތްއިރު، ވެލެންސިއާއަށް މާދަމާގެ މެޗު އެއްވަރުކޮށްގެންވެސް ގަދަ ހަތަރެއްގެ ޖާގައެއް ކަށަވަރުވާނެއެވެ. މާދަމާ ރޭ ނިކުންނާނީ ޗެމްޕިއަންކަން ކަށަވަރުކޮށްފައިވާ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ އިތުރުން ދެވަނަ ކަށަވަރުކޮށްފައިވާ ކްލަބް އީގަލްސްއެވެ.