ހަފްތާ ތެރޭގައި ޗެމްޕިއަންސް ލީގުގެ ގަދަ 16ގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނަން ޖެހިފައި އޮތްވާ ޕީއެސްޖީގެ އުރުގުއޭ ފޯވަޑް އެޑިސަން ކަވާނީއަށްވެސް އަނިޔާވެއްޖެއެވެ.

މިހާރުވެސް ޕީއެސްޖީގެ ބްރެޒިލް ތަރި ނޭމާ އަނިޔާގައި ހުރި އިރު، ޓީމުގެ ގޯލް ޖަހާ ޑިޕާޓްމަންޓްގެ އިތުރު ކުޅުންތެރިޔަކަށް އަނިޔާވުމަކީ ޕީއެސްޖީއަށް ކުރިމަތިވާނެ ބޮޑު ބޮލު ރިހުމެކެވެ.

ބޯޑޯއާ ދެކޮޅަށް ޕީއެސްޖީން ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފްގައި ކަވާނީގެ ޕެނެލްޓީއަކާއެކު އެޓީމުން ލީޑު ނެގި ނަމަވެސް، ދެވަނަ ހާފްގައި އޭނާ ބާލަން ޖެހުނީ ފަލަމަސް ގަނޑަށް ލިބުނު އަނިޔާގެ ސަބަބުންނެވެ. ރޭގެ މެޗަށް ޕީއެސްޖީން ނުކުތީ ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ކިލިއަން އެމްބާޕޭވެސް ނުލައެވެ. އޭނާއާ އަރަން ޖެހުނީ ކަވާނީއަށް އަނިޔާވުމުންނެވެ.

ޕީއެސްޖީގެ ކޯޗު ޓުޝެލް މެޗަށްފަހު ބުނެފައި ވަނީ ކަވާނީގެ އަނިޔާގެ ތަފްސީލު ބަލަން ޖެހޭނީ މަޑުކުރަން ކަމަށާއި، ފޯމުގައި އޮތް ޔުނައިޓެެޑާ ދެކޮޅަށް ކުޅޭވޭނެކަން ނޫނީ ނޫންކަން އަދި ނޭނގޭ ކަމަށެވެ. ކޯޗު ބުނެފައި ވަނީ ކަވާނީ ނެތުމަކީ ފޫ ނުބެއްދޭނެ ގެއްލުމެއް ކަމަށާއި، އިތުރު ނޭމާއެއް ނޫނީ ކަވާނީއެއް ޓީމުގައި ނެތް ކަމަށެވެ.

ހަފްތާގެ ޗެމްޕިއަންސް ލީގު މެޗަށް ޕީއެސްޖީން ނުކުންނާނީ ރަނގަޅު ފޯމެއްގައި އޮތް ޔުނައިޓެޑަކާ ދެކޮޅަށެވެ. ސީޒަންގެ ފުރަތަމަ ބައިގައި ހުރި ކޯޗު ހޯޒޭ މޮރީނިއޯ ފޮނުވާލުމަށްފަހު ޓީމާ ހަވާލުވި، އޮލި ގުނަ ސޮލްސްޖާއާއެކު ޔުނައިޓެޑް ކުޅުނު 11 މެޗުން 10 މެޗު ކާމިޔާބުކުރި އިރު، އަނެއް މެޗުވެސް ނިމުނީ އެއްވަރު ވެގެންނެވެ.