ލ. ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކްލަބާއި މެދުއަވަށު ޒުވާނުން އިންތިޒާމް ކޮށްގެން ބާއްވާ، ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖު އިއްޔެ ފެށިގެން ދިޔައީ ޖުމްލަ 14 ޓީމުގެ ބައިވެރިވުމާއެކުގައެވެ. މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ރާއްޖެގެ ގައުމީ ޓީމުގެ ކޯޗު ޕީޓާ ސެގަޓް ޝަރަފުވެރިކޮށްދިން އިރު، އޭނާއާއެކު ގައުމީ ޓީމުގެ މެނޭޖަރު މުހައްމަދު އީސަ (މޯ)ވެސް ބައިވެރިވިއެވެ.

އިއްޔެގެ މެންދުރު ފަހުގެ ވަގުތެއްގައި ސެގަޓް ލާމު އަތޮޅަށް ދިޔުމާއެކު އޭނާއަށް ވަނީ މާ ބޮނޑީގެ މަރުހަބާއެއް ކިޔާފައެވެ. މުބާރާތް ފެށުމުގެ ގޮތުން ފޮނަދޫގެ ވެޓެރަންސް ޓީމަކާއި، ލ. މާމެންދޫ ވެޓެރަންސް ޓީމެއް ވާދަކުރި މެޗެއް ފެނިގެންދިޔަ އިރު، މެޗާއެކު ފޮޓޯ ސެޝަނެއްވެސް ކުރިއަށް ދިޔައެވެ.

މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ސެގަޓް ---

ގައުމީ ކޯޗާއެކު ކުދިންނާއި ކުޅުންތެރިންނަށް ތަފާތު އުފާވެރި މާހައުލެއް ތަނަވަސް ވެގެންދިޔަ އިރު، ގައުމީ ކޯޗަށްވެސް މުބާރާތުގެ ކަންކަން ފުރިހަމަވިއެވެ.

"މުބާރާތަށް އާދެވުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް. އެންމެ މުހިއްމު ކަމަކީ ކުޅުންތެރިން. ޒުވާން ކުޅުންތެރިންނާ ކުރީގެވެސް ކުޅުންތެރިން. އެއާއެކު މި ދައްކުވައިދޭ ރީތި މަންޒަރު. އެކުވެރިންނާ އާއިލާތައް އެކުވެލާ އެކުވެލުން. މިއީ ފުޓުބޯޅަ ގެނެސްދޭ ކަންކަމަކީ. މިއީ މުހިއްމު ކަމަކީ. މުބާރާތް އިންތިޒާމް ކުރާލަތް ފުރިހަމަކަމުން ހައިރާންވޭ،" ސެގަޓް "ވަގުތު"އަށް ބުންޏެވެ.

ސެގަޓް ބުނެފައި ވަނީ އަތޮޅު ތެރެއިން އޭނާއަށް އަބަދުވެސް ތަފާތު ގިނަ ކަންތައްތަކެއް ފެންނަކަމަށެވެ. ހާއްސަކޮށް ކެއުމާ ދިރިއުޅުމުގެ ވައްޓަފާޅީގެ ވާހަކަ ފާހަގަކުރިއެވެ.

"ވަރަށް ރަނގަޅު މާހައުލެއް މިއީ. މަރުހަބާ ކިޔުމުން ގޮސް، މުޅި ސަރަހައްދު ބަލާލުމުގެ އިތުރުން ކެޔުމުގެ ކަންކަން. ކެޔުމަށް ތައްޔާރުކޮށްފައިވާ ކާނާއަށް ޝުކުރު. ހާއްސަކޮށް މަސް ކަހަލަ އެއްޗެއްސަކީ ވަރަށް ބޮޑަށް ޝައުގުވެރިވާ އެއްޗެއް. ހާއްސަކޮށް ރަށްރަށުން ކާ ކަހަލަ މަސް އެއްޗެހި މާލެއިން ނުލިބޭނެ" ކޯޗު ސެގަޓް ބުންޏެވެ.

ސެގަޓަށް ފޮނަދޫން ކީ މަރުހަބާ ---

ސެގަޓް އިތުރަށް ބުނީ އަތޮޅު ތެރޭގެ ފުޓުބޯޅައަކީ ރާއްޖޭގެ ފުޓުބޯޅައިގެ ފެށުން އޮންނަ ހިސާބު ކަމަށެވެ. މޮޅެތި ކުޅުންތެރިން އަންނަނީ އަތޮޅުތަކުން ކަމަށާއި، ސާފް ޗެމްޕިއަންޝިޕް ހޯދި ޓީމުގެ 90 ޕަސެންޓް ކުޅުންތެރިން ނިސްބަތް ވަނީ އަތޮޅު ތެރެއަށް ކަމަށްވުމުން އެކަން ސާފުވާ ކަމަށެވެ.

އެ ސަބަބަށްޓަކައި އަތޮޅު ތެރޭގެ މިފަދަ ކޮންމެ މުބާރާތެއް މުހިއްމުވާ ކަމަށާއި، އަދިވެސް އެންމެ މޮޅެތި ކުޅުންތެރިން ތިބީ އަތޮޅު ތެރޭގައި ކަމަށް ސެގަޓް ބުންޏެވެ. ސެގަޓް ބުނެފައި ވަނީ ލ. ގަން ފޮނަދޫ ސަރަހައްދަކީ ވަޒީފާގެ ފުރުސަތުތައް ފަހި ސަރަހައްދަކަށްވުމުން ކުޅެން ކުޅުންތެރިން މާލެ ނުދިޔަ ނަމަވެސް، ރަށުގައި ތިބެ ހުނަރު ކުރިއެރުވޭނެ ވަސީލަތްތައް ބޭނުންވާ ކަމަށެވެ.

ވެޓެރަންސް މެޗަށްފަހު ---

ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖުގެ ތިން މެޗެއް ރޭ ކުޅެފައިވާ އިރު، އެ ތިން މެޗުވެސް ޝަރަފުވެރިކޮށްދިނީ ގައުމީ ކޯޗު ސެގަޓެވެ.