ފްރާންސްގެ ނަންޓޭސްއިން ކާޑިފްއަށް ބަދަލުވި ފޯވަޑް އެމިލިއާނޯ ސަލާގެ ފްލައިޓް، މިދިޔަ މަހު 21 ވަނަ ދުވަހު އިންގްލިޝް ޗެނަލްއަށް ގެއްލުނު އިރު، ފްލައިޓް ހޯދުމަށް ކުރި ބުރަ މަސައްކަތުން ފްލައިޓް ހޯދާފައއި ވަނީ މީގެ ހަފްތާއެއްހާ ދުވަސް ކުރިންނެވެ.

ފްލައިޓް ފެނުނު އިރު، އެތެރެއިން ހަށިގަނޑެއް ފެނިފައިވާ އިރު، އެކަމަށް ހާއްސަ ރޮބޮޓެއްގެ އެހީގައި ހަށިގަނޑު ވަނީ ނަގާފައެވެ. އަދި ހަށިގަނޑު ނެގުމަށްފަހު ދެ ދުވަސް ފަހުން އެއީ ފޯވަޑް އެމިލިއާނޯ ސަލާގެ ހަށިގަނޑުކަން އިދާރާތަކުން ވަނީ ޔަގީން ކޮށްދީފައެވެ.

މިއަދުގެ ވަގުތެއްގައި ސަލާގެ ޖަނާޒާ ބޭއްވުމަށް ތައްޔާރުވަމުންދާ އިރު، އިއްޔެ އޭނާގެ ހަށިގަނޑު ވަނީ އުފަން ގައުމު އާޖެންޓީނާއަށް ގެންގޮސްފައެވެ.

ސަލާގެ ހަށިގަނޑު އަނބުރާ އޭނާގެ އުފަން ރަށަށް ގެންގޮސްފައިވާ އިރު، އޭނާގެ ޔޫތު ކްލަބު ސެން މާޓީން ޑި ޕްރޮގްރެސީން ވަނީ އޭނާގެ ހަނދާނުގައި ގިނަ ކަންތައްތަކެއް ރާވާފައެވެ. މާދަމާ ސަލާގެ ހަށިގަނޑު އަންދާލުމުގެ ކުރިން ހާއްސަ ހަނދާނީ ވަގުތު ކުޅެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އިރު، ކާޑީފްގެ މެނޭޖަރު ނީލް ވާނޮކް އަދި ސީއީއޯ ކެންޗޫވެސް އެ ހަރަކާތުގައި ބައިވެރިވާނެއެވެ.

ސަލާގެ މަރާއެކު އެތައް ބަޔަކު ހިތާމަ ފާޅުކޮށްފައިވާ އިރު، އެތަކެއް ކުޅުންތެރިންނާއި ކްލަބަކުން ވަނީ އެ ހިތާމައިގައި ބައިވެރިވެފައެވެ. ސަލާގެ ފަލައިޓް ދުއްވަން އިން ޕައިލެޓްގެ ހަށިގަނޑު އަދި ފެނިފައެއް ނުވެއެވެ. ހަށިގަނޑު ހޯދުމަށް އަމިއްލަ ފަރާތެއް ކުއްޔަށް ހިފުމަށް ޕައިލެޓްގެ އާއިލާއިން އެހީތެރިކަން ހޯދަމުންދާ އިރު، ފުޓުބޯޅަ ކުޅުންތެރިން ވަނީ ޕައިލެޓްގެ އާއިލާއަށްވެސް އެހީތެރިކަން ފޯރުކޮށްދީފައެވެ.