ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ފުރަތަމަ ލެގުގައި މެންޗެސްޓާ ސިޓީއާއި ޝާލްކޭ ވާދަކުރި މެޗު ސިޓީން ކާމިޔާބުކޮށްފިއެވެ.

ޖަރުމަނުގެ ޝާލްކޭ ދަނޑުގައި ރޭ ކުޅުނު މެޗު ސިޓީން ކާމިޔާބުކުރީ 3-2ގެ ނަތީޖާއަކުންނެވެ. އޮޓެމެންޑީއަށް މެޗުގައި ރަތް ކާޑު ދައްކާފައިވާ އިރު، ފަހަތުން އަރާ ސިޓީ މޮޅުކޮށްދިން ގޯލް ޖަހައިދިނީ ރަހީމް ސްޓާލިންނެވެ.

ސިޓީއަކީ ޔޫރަޕްގެ އެންމެ ވަރުގަދަ އެއް ޓީމެވެ. އެހެން ނަމަވެސް އަބަދުވެސް ޓީމުގެ އެންމެ ބޮޑު މައްސަލައަކީ ޗެމްޕިއަންސް ލީގުގައި އެންމެ އެދެވޭ ނަތީޖާއެއް ނުނެރެވުމެވެ. ރޭގެ މެޗުގައިވެސް ފެނިގެންދިޔައީ ސިޓީ އަދިވެސް ޗެމްޕިއަންސް ލީގަށް ފައްކާ ނުވެ އޮތް ތަނެވެ.

މެޗަށް ނުކުތް އިރު، ފެވަރިޓުންނަކީ ސިޓީއެވެ. އެޓީމުގެ ފެންވަރާއި ފޯމަށްވެސް ބަލާލުމުންނެވެ. 18 ވަނަ މިނެޓުގައި ސިޓީން ލީޑުވެސް ނެގިއެވެ. ސިޓީން ކުރީކޮޅުގައި ލީޑު ނެގި ނަމަވެސް، ފުރަތަމަ ހާފްގެ ފަހުކޮޅުގައި ސިޓީއަށް ފުލުފުލުގައި ލިބުނު ދެ ޕެނެލްޓީއާއެކު މެޗުގެ އޮއެވަރު ބަދަލުވިއެވެ.

ވީއޭއާރްގެ އެހީއާވެސް އެކު ފުރަތަމަ ޕެނެލްޓީ ޝާލްކޭއަށް ލިބުނު އިރު، އެ ޕެނެލްޓީ ލިބުނީ އޭރިއާ ތެރެއިން އޮޓަމެންޑީ އަތުގައި ޖެހުމުންނެވެ. ޕެނެލްޓީ ކާމިޔާބުކޮށްދީ ނަތީޖާ ހަމަހަމަ ކޮށްދިނީ ބެންޓެލަބެވެ. އޭގެ އިރުކޮޅެއްފަހުން ފެނާންޑީނިއޯ، ސާލިފް ސާނޭއަށް އޭރިއާ ތެރެއިން ކުރި ފައުލް، ވީއޭއާރްއިންވެސް ބެލުމަށްފަހު އަނެއްކާވެސް ރެފްރީ ޕެނެލްޓީ ދިނެވެ.

އެ ޕެނެލްޓީވެސް ކާމިޔާބޮށް ފަހަތުން އަރާ ލީޑު ނަގައިދިނީވެސް ބެންޓެލަބެވެ.

ދެވަނަ ހާފްގައި އޮޓަމެންޑީ ކުރި ފައުލަކަށް ރެފްރީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކި އިރު، އޭނާގެ އިތުރުން ފެނާންޑީނިއޯއަށްވެސް ހޯމް ލެގު ނުކުޅެވޭނެއެވެ.

ފަހު ހަތިޔާރެއްގެ ގޮތުން ގާޑިއޯ ދަނޑަށް ނެރުނީ ޝާލްކޭގެ ކުރީގެ ކުޅުންތެރިޔާ، ލެރޮއީ ސާނޭއެވެ. އޭނާ ތަފާތު ދައްކަން ގިނަ އިރެއްވެސް ނުނެގިއެވެ. ލިބުނު ހިލޭ ޖެހުން މަތީ ކަނަށް އަމާޒުކޮށްލާ ނަތީޖާ ހަމަހަމަ ކޮށްދިނެވެ. އިހުތިރާމުގެ ގޮތުން އުފާވެސް ފާޅެއް ނުކުރެއެވެ.

މެޗުގެ 90 ވަނަ މިނެޓުގައި ސިޓީ ގޯލްކީޕަރު އެޑަސަންގެ ރީތި ސައްޕު، ހަމަޖެހިލާފައި ގޯލް ތެރެއަށް ނިންމާލީ ސްޓާލިންނެވެ.

ސިޓީއާއި ޝާލްކޭ، އެތިހާދު ސްޓޭޑިއަމްގައި ކުޅޭ މެޗު އޮންނާނީ މާޗު 12 ވަނަ ދުވަހުއެވެ.