އިނގިރޭސި އެފްއޭކަޕްގެ ސެމީފައިނަލްގައި ޓޮޓެންހަމް އާއި މެންޗެސްޓަރ ޔުނައިޓެޑް ބައްދަލުކުރަން ޖެހިއްޖެއެވެ.

މުބާރާތުގެ ސެމީ އަށް ޔުނައިޓެޑް ދަތުރުކުރީ ބްރައިޓަންގެ މައްޗަށް 0-2 އިން ކުރި ހޯދައިގެންނެވެ. ޓޮޓެންހަމް ސެމީ އަށް ދަތުރުކުރީ 0-3 އިން ސްވެންސީ ސިޓީގެ މައްޗަށް ކުރި ހޯދައިގެންނެވެ.

ސެމީގައި ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރަން ޖެހުނުއިރު މި ސީޒަނުގައި ޕްރިމިއަރ ލީގުގައި މި ދެ ޓީމު ވަނީ ދެ ފަހަރެއްގެ މަތިން ބައްދަލުކޮށްފައެވެ. އެގޮތުން ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މެޗު 0-1 އިން ޔުނައިޓެޑް ކާމިޔާބުކުރިއިރު އަނެއް މެޗު 0-2 އިން ކާމިޔާބުކުރީ ޓޮޓެންހަމް އިންނެވެ.

މުބާރާތުގެ ސެމީގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ސައުތްހެމްޓަން އާއި ޗެލްސީއެވެ. ޗެލްސީ މުބާރާތުގެ ސެމީ އަށް ދަތުރުކުރީ ލެސްޓަ ސިޓީގެ މައްޗަށް 1-2 އިން ކުރި ހޯދައިގެން ކަމަށްވާއިރު ސައުތްހެމްޓަން ސެމީ އިން ޖާގައެއް ހޯދީ 0-2 އިން ވިގެންގެ މައްޗަށް ކުރި ހޯދައިގެންނެވެ.

މިއީ 2003 ވަނަ އަހަރަށްފަހު މުބާރާތުގެ ސެމީ އަށް ސައުތްހެމްޓަން ދަތުރުކުރި ފުރަތަމަ ފަހަރަށްވާއިރު މިއީ ފާއިތުވި ހަތް އަހަރުތެރޭ މި މުބާރާތުގެ ސެމީ އަށް ޗެލްސީ ދަތުރުކުރި ހަތަރުވަނަ ފަހަރެވެ.

މުބާރާތުގެ ސެމީފައިނަލްގެ މެޗުތަށް ކުޅޭނީ އަންނަ މަހުގެ 21 އަދި 22 ވަނަ ދުވަހުއެވެ.