ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން އެތްލެޓިކޯ މެޑްރިޑް ބަލިވިއިރު، ރޭ ކުޅުނު މެޗު ކާމިޔާބުކޮށް ލީގުގެ އެއްވަނައިގައި ބާސެލޯނާ އިން 11 ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

މި މޮޅާ އެކު ލީގުގެ އެއްވަނައިގައި ބާސާ އޮތީ 75 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި 64 ޕޮއިންޓާ އެކު އެތްލެޓިކޯ އޮތްއިރު 60 ޕޮއިންޓާ އެކު ލީގުގެ ތިންވަނައިގައި އޮތީ ރެއާލް މެޑްރިޑެވެ.

ބާސާ ރޭ މޮޅުވީ އެތްލެޓިކް ބިލްބާއޯ އާއި ބައްދަލުކުރި މެޗުން 0-2 އިންނެވެ.

ބާސާގެ ދަނޑުގައި ކުޅުނު މި މެޗުގެ އަށްވަނަ މިނެޓްގައި އަލްބާ ދިން ޕާހަކުން ޕަކޯ އަލްސެސާ ވަނީ އެޓީމަށް ލީޑު ނަގާދީފައެވެ. އަދި މެޗުގެ 30 ވަނަ މިނެޓްގައި ލިއޮނަލް މެސީ ވަނީ ބާސާގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. މިއީ ލީގުގައި މެސީ ކާމިޔާބުކުރި 25 ވަނަ ގޯލެވެ.

މެޗުގެ ދެވަނަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު މި ހާފުގައި ވެސް ބާސާ އިން ވަނީ ގޯލްޖަހާނެ އިތުރު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

ބާސާ އާއި އެންމެ ކައިރިން ލީގަށް ވާދަކުރަމުން އަންނަ އެތްލެޓިކޯ މެޑްރިޑް ރޭ ބަލިވީ ރަށުން ބޭރުގައި ވިޔަރެއާލް އާއި ބައްދަލުކޮށް 1-2 އިންނެވެ.

ރޭގެ މެޗުގެ ފުރަތަމަ ގޯލްޖަހާ ލީޑު ނެގީ އެތްލެޓިކޯ އިން ކަމަށްވާއިރު އެޓީމަށް ލިބުނު ޕެނަލްޓީ އަކުން މި ގޯލު ކާމިޔާބުކޮށްދިނީ ގްރިޒްމަންއެވެ. ނަމަވެސް މެޗުގެ ފަހު 11 މިނެޓްގެ ތެރޭގައި ވިޔަރެއާލް އިން ވަނީ ދެ ގޯލު ކާމިޔާބުކޮށް އެތްލެޓިކޯގެ މައްޗަށް ކުރި ހޯދާފައެވެ. މި ދެ ގޯލު ވެސް ވިޔަރެއާލް އަށް ކާމިޔާބުކޮށްދިނީ އެނެސް އުނާލްއެވެ.

ލީގުގެ އެއްވަނައިގައި ބާސާ އިން 11 ޕޮއިންޓުގެ ލީޑެއް ނެގިއިރު ލީގުގައި އެޓީމު އަދި މެޗަކުން ބަލިވެފައި ނުވާކަން ފާހަގަކޮށްލެވެއެވެ.