ކްރިސްޓިއާނޯ ރޮނާލްޑޯގެ ހަތަރު ގޯލާއެކު ޖިރޯނާގެ މައްޗަށް 3-6 އިން ރެއާލް މެޑްރިޑުން ރޭ ކުރި ހޯދައިފިއެވެ.

ރޭގެ މޮޅާއެކު ރެއާލް އޮތީ 60 ޕޮއިންޓާ އެކު ސްޕެނިޝް ލީގުގެ ތިންވަނައިގައެވެ. ދެވަނައިގައި 64 ޕޮއިންޓާ އެކު އެތްލެޓިކޯ މެޑްރިޑް އޮތްއިރު އެއްވަނައިގައި 75 ޕޮއިންޓާ އެކު އޮތީ ބާސެލޯނާއެވެ.

ރެއާލްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ 11 ވަނަ މިނެޓްގައި ރޮނާލްޑޯ ވަނީ އެޓީމަށް ލީޑު ނަގާދީފައެވެ. ނަމަވެސް 29 ވަނަ މިނެޓްގައި ކްރިސްޓިއަން ސްޓުއާނީ ވަނީ ޖިރޯނާ އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

ދެ ޓީމުވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފްގެ ކުރީކޮޅު ރޮނާލްޑޯ ވަނީ ދެވަނަ ފަހަރަށް ރެއާލް އަށް ލީޑު ނަގާދީފައެވެ. ރެއާލްގެ ތިންވަނަ ގޯލު މެޗުގެ 59 ވަނަ މިނެޓްގައި ލޫކަސް ވަޒްކުއޭޒް ކާމިޔާބުކޮށްދިން އިރު އޭގެ ފަސް މިނެޓްފަހުން ރޮނާލްޑޯ ވަނީ ރެއާލްގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.

މިއީ ރޮނާލްޑޯ އޭނާގެ ކެރިއަރުގައި ހެދި 50 ވަނަ ހެޓްރިކުކަން ފާހަގަކޮށްލެވެއެވެ.

ރެއާލްގެ ފަސްވަނަ ގޯލު މެޗުގެ 86 ވަނަ މިނެޓްގައި ބޭލް ކާމިޔާބުކޮށްދިންއިރު އެޓީމުގެ ހަވަނަ ގޯލު މެޗުގެ 90 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ރޮނާލްޑޯއެވެ. ޖިރޯނާ އިން ވެސް ދެވަނަ ހާފްގައި ދެ ގޯލު ކާމިޔާބުކުރިއިރު އެ ދެ ގޯލު ކާމިޔާބުކޮށްދިނީ ސްޓުއާނީ އާއި ހުއާންޕީއެވެ.

ރޭގެ މެޗުގައި ޕޯޗުގަލް އަށް އުފަން ރޮނާލްޑޯ ކާމިޔާބުކުރި ހަތަރު ގޯލާ އެކު މި ސީޒަނުގެ ސްޕެނިޝް ލީގުގައި އޭނާ ކާމިޔާބުކުރި ގޯލުގެ އަދަދު މިހާރު ވަނީ 22 އަށް އަރާފައެވެ. ސްޕެނިޝް ލީގުގެ ލަނޑު ލިސްޓުގެ ދެވަނައިގައި ރޮނާލްޑޯ އޮތްއިރު 25 ގޯލާއެކު ލަނޑު ލިސްޓުގެ އެއްވަނައިގައި އޮތީ ބާސެލޯނާގެ ފޯވާޑް ލިއޮނަލް މެސީއެވެ.

ރޭގެ މެޗަކީ ލީގުގައި ޖެހިޖެހިގެން ރެއާލް އިން ހޯދި ތިންވަނަ މޮޅު ކަމަށްވާއިރު ލީގުގައި އެޓީމު ދެން ބައްދަލުކުރާނީ އެތްލެޓިކޯ މެޑްރިޑާއެވެ.