މިދިޔަ އަހަރު ރަޝިޔާގައި ބޭއްވި ވޯލްޑް ކަޕަށްފަހު، ފުރަތަމަ ފަހަރަށް އާޖެންޓީނާގެ ސްކޮޑަށް ކެޕްޓަން ލިއޮނަލް މެސީ ނަގައިފިއެވެ.

ބައިނަލްއަގުވާމީ މުބާރާތްތަކުގައި އާޖެންޓީނާއާއެކު މެސީއަށް އެތަކެއް ހިތްދަތި ނަތީޖާތަކެއް ކުރިމަތިވެފައިވާ އިރު، 2014 ވަނަ އަހަރު ވޯލްޑް ކަޕް ފައިނަލްގައިވެސް އާޖެންޓީނާ ވަނީ ޖަރުމަނު އަތުން ބަލިވެފައެވެ. އޮލިމްޕިކް ރަން މެޑަލް ފިޔަވާ އިތުރު ބައިނަލްއަގުވާމީ ކާމިޔާބީއެއް މެސީއަށް އާޖެންޓީނާއާއެކު ހޯދިފައި ނުވާ އިރު، އޭނާ ވަނީ ކްލަބު ލެވެލްގައި ހުރިހާ ކާމިޔާބީއެއް ހޯދާ، ދުނިޔޭގެ މޮޅު ކުޅުންތެރިޔާވެސް ފަސް ފަހަރު ހޯދާފައެވެ.

ވޯލްޑް ކަޕްގައި އެންމެފަހުގެ ޗެމްޕިއަން އަތުން އާޖެންޓީނާ ކެޓީ ގަދަ 16ގައެވެ. ވޯލްޑް ކަޕަށްފަހު އާޖެންޓީނާ ސްކޮޑުން ބްރޭކެއް ނަގަން ބޭނުންވި ކަމަށް މެސީ ބުނެފައިވާ އިރު، އޭނާ ވަނީ އެކުވެރިކަމުގެ ހަ މެޗެއް ދޫކޮށްލާފައެވެ.

މި މަސް ތެރޭގައި އާޖެންޓީނާއިން ވެނުޒުއޭލާއާއި މޮރޮކޯއާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމަށް ހަމަޖެހިފައިވާ އިރު، އެ މެޗުތަކަށް ނެގި 31 ކުޅުންތެރިންގެ ސްކޮޑުގައި މެސީ ހިމަނާފައިވެއެވެ. މެސީއާއެކު ވޯލްޑް ކަޕަށްފަހު ގައުމީ ޓީމުން ބްރޭކް ނެގި އެންހޭލް ޑިމާރިއާވެސް އަލުން ސްކޮޑަށް ނަގާފައިވާ އިރު، މިފަހަރުގެ މެޗުތަކަށްވެސް ޗެލްސީގެ ހުގުއައިންއާއި ސިޓީގެ އަގުއޭރޯ ނަގާފައެއް ނުވެއެވެ.

މެސީ ވަނީ އާޖެންޓީނާއަށް 128 މެޗު ކުޅެ، ރެކޯޑު 65 ގޯލް ޖަހާފައެވެ.