ޖޭމްސް މިލްނާ ޖެހި ޕެނެލްޓީއާއެކު ފުލްހަމް ބަލިކޮށް، ލިވަޕޫލުން އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފިއެވެ.

ފުލްހަމްގެ ދަނޑު، ކްރެވެން ކޮޓޭޖުގައި ކުޅުނު މެޗު ލިވަޕޫލުން ކާމިޔާބުކުރީ 2-0ގެ ނަތީޖާއަކުންނެވެ. މެޗުން މޮޅުވެ އެޓީމު އެއްވަނައަށް ޖެހިލީ ސިޓީއަށްވުރެ މެޗެއް އިތުރަށް ކުޅެގެންނެވެ. ލިވަޕޫލުން 31 މެޗުން 76 ޕޮއިންޓް ހޯދާފައި އޮތް އިރު، ދެވަނައިގައި އޮތް ސިޓީން ވަނީ 30 މެޗު ކުޅެ 74 ޕޮއިންޓް ހޯދާފައެވެ.

ސިޓީއަށް އިތުރު މެޗެއް އޮތް އިރު، ލިވަޕޫލަށް މިރޭގެ މެޗު މަޖުބޫރެވެ. ސީޒަންގެ ބޮޑު ބައިގައި ލީގުގެ އެއްވަނަ ހިފަހައްޓަމުން އައިސް، އެންމެ 10 ވަރަކަށް މެޗަށް ވެފައި ވަނިކޮށް، ލިވަޕޫލުން ވަނީ މުހިއްމު ޕޮއިންޓްތަކެއް ގެއްލުވާލާފައެވެ. އޭގެ ފައިދާ ނަގާ، ސިޓީން ވަނީ ޖެހިޖެހިގެން ދެވަނަ ފަހަރަށް ލީގު ކާމިޔާބުކުރުމާ ގާތަށް ޖެހިލާފައެވެ.

މިރޭގެ މެޗަށް ނުކުތް އިރު، ލިވަޕޫލުން ވަނީ ހަފްތާ ތެރޭގައި ބަޔާން މިއުނިކް ދަނޑުގައި އެޓީމު ބަލިކޮށް، ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ޖާގަ ހޯދާފައެވެ. އެ މެޗުގައި މާނޭ ވިދާލި އިރު، ސަލާހަށް ގޯލް ނުޖެހުމަކީ މިހާރު އެޓީމަށް އޮތް އެންމެ ބޮޑު މައްސަލައެވެ.

މިރޭގެ މެޗު ފެށިގެންވެސް އެޓޭކްތަކުން ނުރައްކާ ކޮށް ފެނުނީ ލިވަޕޫލެވެ. އެހެން ނަމަވެސް، އެޓީމުގެ އަސްލު ހަލުވި ކަމުގައި ކުޅުުނުތަނެއް ނުފެނުނެވެ. މެޗުގެ ފުރަތަމަ ހާފްގައި ސަޑިއޯ މާނޭގެ ގޯލުން ލިވަޕޫލް ލީޑު ނެގި ނަމަވެސް، ދެވަނަ ހާފަށް ނުކުމެ ފުލްހަމްއިން ނަތީޖާ ހަމަހަމަ ކުރިއެވެ.

މެޗުގެ 74 ވަނަ މިނެޓުގައި ލިވަޕޫލްގެ ޑިފެންޑަރު ވާޖިލް ވެންޑައިކް، ފަހަތަށް ބޮލުން ޖައްސާލި ބޯޅައަށް ގޯލްކީޕަރު އެލިސަން ބެކާ ކުރިއަށް އެރި ނަމަވެސް، އެ ބޯޅަ އެލިސަންއަށް ސާފްކޮށް ނުލެވި ލިބުނީ ފުލްހަމްގެ ފޯވަޑް ރަޔަން ބަބެލްއަށެވެ. ކުރިން ލިވަޕޫލަށް އެތައް ދުވަހަކު ކުޅުނު ބަބެލް، ގޯލް ޖެހުމަށްފަހު އުފާފާޅުކޮށްފައެއް ނުވެއެވެ.

އެ ގޯލާއެކު ލިވަޕޫލަށް މާޔޫސްކަން ކުރިމަތިި އިރު، އޭގެ ހަތް މިނެޓް ފަހުން ލިވަޕޫލަށް ޕެނެލްޓީއެއް ލިބުނެވެ. ސަލާހްގެ ހުރަހަށް މާނޭ ކީޕަރު ކައިރިއަށް ޑިފެންޑަރު ކުރި ފައުލަކަށް ރެފްރީ ދިން ޕެނެލްޓީ ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު މިޑްފީލްޑަރު މިލްނާއެވެ.