އިޓަލިއަންލީގުގައި ޔުވެންޓަސް އަށް އެންމެ ވާދަވެރި އޭސީ މިލާން 2-3 ނަތީޖާއަކުން ބަލިކޮށް އިންޓަމިލާނުން ތާވަލުގެ ތިން ވަނަ އަށް އަލުން އަރައިފިއެވެ.

އިންޓަ އަލުން ތިން ވަނަ އަށް އެރީ 53 ޕޮއިންޓާ އެކު އެވެ. މިލާން އޮތީ ތާވަލުގެ ހަތަރުވަނައިގައި 51 ޕޮއިންޓްގައެވެ. ފަސް ވަނައިގައި އޮތީ 47 ޕޮއިންޓާ އެކު އޮތް ރޯމާ އެވެ. އެ ޓީމު ހޮނިހިރު ދުވަހުގެރޭ ސްޕަލް އަތުން ވަނީ 2-1 އިން ބަލިވެފަ އެވެ.

އަނިޔާގެ ސަބަބުން ފޯމް ގެއްލިފައި އޮތް އިންޓަ މިލާނުން ވަނީ އޭސީ މިލާނުގެ މައްޗަށް މެޗް ފެށުނީއްސުރެ ކޮންޓްރޯލް ނަގައިފައެވެ. މެޗް ފެށިގެން ތިން ވަނަ މިނެޓުގައި ވެސީނޯގެ ގޯލުން އިންޓަ ލީޑު ނެގި އެވެ. އަދި ދެވަނަ ހާފް ފެށިގެން މާގިނަ އިރު ނުވަނީސް ސްޓެފަން ޑި ރިޖް ވަނީ 2 ވަނަ ގޯލް ޖަހައި ލީޑު ފުޅާކޮށްފައެވެ.

މެޗްގެ 57 ވަނަ މިނަޓްގައި ބަކަޔޯކޯ ވަނީ އޭސީ މިލާންއަށް ގޯލް ޖަހައި ލީޑު ކުޑަކޮށްދީފައެވެ. ދެޓީމުންވެސް ވާދަވެރި ކުޅުމެއް ވަނީ ދައްކާފައެވެ. ބަކަޔޯކޯ ގޯލް ޖެހިތާ 10 މިނެޓް ފަހުން އިންޓަގެ މާޓިނޭޒް ވަނީ ޕެނަލްޓީއަކުން ލަނޑެއް ޖަހައި އަލުން ފަރަގު ބޮޑުކޮށްލާފައެވެ. އޭގެ ހަތަރު މިނެޓު ފަހުން މަޓެއޯ މުސާކިއޯގެ ގޯލުން މިލާން އަނެއްކާ ވެސް ތަފާތުކުޑަކުރި އެވެ.

ޔުވެންޓަސް މިހާރު އެއް ވަނައިގައި އޮތީ ބޮޑު ލީޑެއްގައެވެ. އެ ޓީމު 75 ޕޮއިންޓާ އެކު އެއް ވަނައިގައި އޮތްއިރު ދެ ވަނައިގައި 60 ޕޮއިންޓާ އެކު އޮތީ، ރޭ ކުުޅުނު މެޗްގައި އުދިނޭޒީ އަތުން 4-2 އިން މޮޅުވި ނަޕޯލީއެވެ.