މެންޗެސްޓާ ޔުނައިޓެޑްގެ ކުރިއެރުމަށް އޮތް ހުރަހަކީ ކުރީގެ ކޯޗު އަލެކްސް ފާގަސަންގެ ކާމިޔާބީތަށް ކަމަށް ޔުނައިޓެޑްގެ ކުރީގެ ފޯވާޑް އަދި އެލްއޭގައި މިހާރު ކުޅެމުން އަންނަ ޒްލަޓަން އިބްރަހިމޮވިޗް ބުނެފިއެވެ.

އެލެކްސް ފާގަސަންއަކީ ޔުނައިޓެޑް އަށް 26 އަހަރު ކޯޗުކޮށްދީފައިވާ މީހެކެވެ. 2013 ގައި ރިޓަޔާ ކުރިއިރު އެޓީމަށް މުޅިއަކު 13 ލީގާއި ފަސް އެފްއޭ ކަޕް އަދި 2 ޗެމްޕިއަންސް ލީގު އޭނާ ހޯދަދީފަވެއެވެ. ފާގަސަންގެ ފަހުން އެޓީމަށް ކޯޗްކަން ކޮއްދިން ތިން ކޯޗުންނަށް ވެސް ފާގަސަން ކުރި ވަރަށް މަސައްކަތް ކުރެވިފައެއް ނުވެއެވެ.

ޔުނައިޓެޑްގެ ކުރީގެ ފޯވާޑް އިބްރަހިމޮވިޗް "މިރާ" އަށް ދިން އިންޓަވިއުގައި ބުނެފައިވަނީ އެޓީމްގައި ހިނގާ ކޮންމެ ކަމެއް އަޅާ ކިޔަނީ ފާގަސަން ހުރި އަހަރުތަކާއެވެ. "ޔުނައިޓެޑުން ކޮންމެ ފަހަރަކުވެސް ބުނާނެ ފާގަސަން ހުރި ނަމަ މިހެނެއް ނުވީހޭ. ކޮންމެ ވާހަކައެއް ދެކެވެނީ ފާގަސަންއާ ގުޅުވައިގެން." އޭނާ ބުންޏެވެ.

އިބްރަހިމޮވިޗް ބުނެފައިވަނީ އެޓީމުން އެކަން ހުއްޓާލަން ޖެހޭ ކަމަށެވެ. ނުހުއްޓައިފިނަމަ އަބަދުވެސް ދެއްކޭނީ ފާގަސަންގެ ވާހަކަ ކަމަށް އޭނާ ބުންޏެވެ.

ޔުނައިޓެޑާއި މިހާރު ހަވާލުވެގެން ހުރި ކޯޗު އޮލެ ގުނަ ސޯލްސްކާ ވަނީ ފާގަސަންގެ އެއްބާރުލުން އޭނާ އަށް އަބަދުވެސް ލިބޭ ކަމަށް ބުނެފައެވެ. އިބްރަހިމޮވިޗް ބުނެފައިވަނީ ޔުނައިޓެޑުން ފާގަސަންއަކީ އެޓީމްގެ ކުރީގެ ކޯޗް އަދި އެއީ މާޒީ ކަމަށް ގަބޫލުކުރަން ޖެހޭ ކަމަށެވެ.

"ކުރީގެ ވިސްނުން ދޫކޮށްލައި އާވިސްނުމަކާއި އާ ހިތްވަރަކާއި އެކީ އަމިއްލަ ތާރީހެއް ލިޔަން ޔުނައިޓެޑުން އެބަ ޖެހޭ. ކުރިން ވެފައި އޮތް ކަންކަމަށް ބެލުމަކީ އަމިއްލައަށް ޕްރެޝަރަށް ވެއްޓުން. ފާގަސަންގެ ތާރީހު ވަނީ މާޒީގައި ރަން އަކުރުން ލިޔެފައި. އެކަަމަކު އެ މާޒީ ތެރޭގައި އަބަދަކު ނޫޅެވޭނެ" އިތުރަށް އިބްރަހިމޮވިޗް ބުންޏެވެ.