ދިރާގު މަމެން 15 އަހަރުން ދަށުގެ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރަތުގެ ފައިނަލްގައި އިމާދުއްދީން ސްކޫލް އާއި ވާދަކޮށް 2-5 ގެ ނަތީޖާއަކުން މޮޅުވެ، ޗެމްޕިއަންކަން ހިރިޔާ ސްކޫލް ހޯދައިފިއެވެ.

ގަލޮޅު ދަނޑުގައި ރޭ ކުޅުނު، ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗްގައި ދެޓީމުންވެސް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މޮޅު ކުޅުމަކާއި އެކީ ކުޅެން ފެށި ހިރިޔާއިން ވަނީ މެޗްގެ 12 ވަނަ މިނަޓުގައި ލިބުނު ޕެނެލްޓީ އަކުން ގޯލެއް ޖަހާފައެވެ. މިގޯލް ކާމިޔާބު ކޮއްދިނީ އެޓީމްގެ މުހައްމަދު އަދްޔާން ނިޔާޒެވެ.

އަދްޔާންގެ ގޯލްއަށް ފަހު އިމާދުއްދީނަށް މެޗުގެ ނަތީޖާ ހަމަހަމަ ކުރަން ގޯލް ޖަހައި ދީފައިވަނީ މުހައްމަދު ނާއިޝް އަސްޖަދުއެވެ. އެހެން ނަމަވެސް ހާފް ނިމެން މިނެޓަކަށް ވެފައި ވަނިކޮށް، ހިރިޔާއިން އަނެއްކާވެސް ލީޑު ނެގިއެވެ. އެޓީމުން ދެވަނަ ފަހަރަށް ލީޑު ނެގީ އިސްމާއިލް އިކާން ބިން އަލީ ޖަހަައިދިން ރީތި ގޯލަކުންނެވެ. އެ ނަތީޖާއާއެކު ހާފް ނިމެން ދަނިކޮށް، ނާއިޝްވަނީ ފުރަތަމަ ހާފްގެ އިތުރު ގަޑީގައި އިމާދުއްދީނަށް ގޯލެއް ކާމިޔާބު ކޮއްދީ އަނެއްކާވެސް އެެއްވަރު ކޮއްދީފައެވެ.

މެޗްގެ ދެވަނަ ހާފް ފެށިގެން މާ ގިނަ އިރެއް ނުވަނީސް އަދްޔާން ވަނީ އަނެއްކާވެސް ހިރިޔާއަށް ލީޑު ނަގާދީފައެވެ. އަދްޔާންގެ ގޯލްއަށްފަހު މެޗްގެ 44 ވަނަ މިނެޓްގައާއި 51 ވަނަ މިނަޓްގައި އެޓީމްގެ އިކާން ވަނީ ހެޓްރިކް ފުރިހަމަކޮށް، ޓީމުގެ ލީޑު ބޮޑުކޮށްދީފައެވެ.

އިކާން ވަނީ މުބާރާތުގެ އެންމެ ގިނަ ގޯލްޖި ކުޅުންތެރިއާގެ މަގާމްވެސް ހޯދާފައެވެ. މުބާރާތުގެ އެންމެ މޮޅު 10 ކުޅުންތެރިންގެ ތެރޭގައިވެސް އިކާން ހިމެެނެއެވެ. އަނެއް ނުވަ ކުޅުންތެރިންނަކީ އިމާދުއްދީނުގެ މުހައްމަދު އީކާން މަތީނާއި ގާޒީ ސްކޫލުގެ ހަސަން އަޒޫމް އަލީ އާއި އަހުމަދު އީރާސް އާއި ރެހެންދި ސްކޫލުގެ މުހައްމަދު ދާއިފް ޝައްމޫނާއި މަޖީދިއްޔާ ސްކޫލުގެ ހުމައިދު ހުސެއިން އަދި އަހުމަދު މާއިޝް މުހައްމަދާއި އަމީނިއްޔާ ސްކޫލުގެ މުހައްމަދު އަބާން އާއި ހިރިޔާގެ އައިހަމް ހަމްދޫނާއި މިރްފަތު އަބްދުލްމުހުސިނެވެ.

މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވިފައި ވަނީ ހިރިޔާ ސްކޫލްގެ މުހައްމަދު ޝިމާނެވެ. ފެއާޕްލޭ ޓީމަކަށް ހޮވިފައި ވަނީ ތާޖުއްދީން ސްކޫލެވެ.

ދިރާގުން ސްޕޮންސާ ކޮށްގެން ކުރިއަށް ގެންދާ މިމުބާރާތުގެ ފައިނަލް މެޗު ޝަރަފްވެރިކޮށްދެއްވައި ޗެމްޕިއަން ޓީމަށް ތަށި ހަވާލުކޮއްދެއްވީ އެކްޓިން ސްޕޯޓްސް މިނިސްޓަރު އަލީ ވަހީދެވެ. މަމެން އިންޓަސްކޫލް ފުޓްބޯޅަ މުބާރާތުގެ 18 އަހަރުން ދަށުގެ މުބާރާތުގެ ކުޅުންވެސް މިހާރު ކުރިއަށް އެބަދެއެވެ.