13 އަހަރުން ދަށުގެ އެފްއޭއެމް އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ކަލާފާން ސްކޫލުން ހޯދައިފިއެވެ.

ގަލޮޅު ދަނޑުގައި ރޭ ކުޅުނު ފައިނަލް މެޗު ކަލާފާނުން ކާމިޔާބުކުރީ އަހުމަދިއްޔާ އިންޓަނޭޝަން ސްކޫލް 0-3 ގެ ނަތީޖާއިން ބަލިކޮށްގެންނެވެ.

މެޗު ފަށައިގެން ހަތް ސިކުންތު ތެރޭގައި ކަލާފާނަށް ލީޑު ނަގައިދިނީ އެޓީމުގެ ކެޕްޓަން ހުސެއިން އިލްހާމް އިބްރާހިމް އެވެ. މިއީ އަޙްމަދިއްޔާގެ ގޯލްކީޕަރު މުޙައްމަދު އަރާން ޝަމީމް އަތްމަތިން ބޯޅަ ދިޔަ ވަގުތުގެ ފައިދާ ނަގާ އިލްހާމް ކާމިޔާބުކޮށްދިން ގޯލެކެވެ. ފުރަތަމަ ހާފުގައި އަހުމަދިއްޔާއަށް ނަތީޖާ ހަމަހަމަކުރުމަށް ލިބުނު ފުރުސަތުތައް ވަނީ ބޭކާރުވެފައެވެ.

މެޗުގެ 46 ވަނަ މިނެޓުގައި ކައުންޓަރ އެޓޭކެއްގައި އުފެއްދި ހަމަލާއަކުން އިލްހާމް ވަނީ އެ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. ހާފުގެ މެދެއްހާ ހިސާބުން އިލްހާމް އަށް ލިބުނު ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ އޭނާ މި ގޯލު ޖެހީ ކީޕަރު އަރާން ކައިރިން ނައްޓައިފަ އެވެ. އޭގެ ދެ މިނެޓުފަހުން ކަލާފާނުގެ ތިން ވަނަ ގޯލު ޖެހީ ކޯނަރެއްގައި ލިބުނު ފުރުސަތުން މުހައްމަދު ނަޝަމް ނިޔާޒް ބޮލުންނެވެ.

13 އަހަރުން ދަށުގެ އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ ފޮޓޯ / ދަނޑުމަތި އެމްވީ

މި މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަޤާމާއި، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަޤާމު ހޯދީ ކަލާފާނުގެ ކެޕްޓަން އިލްހާމެވެ. އަދި އެންމެ މޮޅު ކޯޗަކަށް ކަލާފާނުގެ ފަރީދު މުޙައްމަދު ހޮވުުނުއިރު، ފެއާޕްލޭ ޓީމަކީ މަޖީދިއްޔާ ސްކޫލެވެ. މި ފަހަރުގެ 13 އަހަރުން ދަށުގެ އިންޓަރ ސްކޫލް މުބާރާތުގައި ޖުމްލަ 36 ސްކޫލެއް ވަނީ ވާދަކޮށްފައެވެ.