ރޭ ސްޕެނިޝް ލަލީގާގައި ކުޅުނު މެޗުގައި ބާސެލޯނާއާއިން ފަހުވަގުތު ޖެހި ދެ ގޯލާއެކު ވިލަރެއާލް އަތުން ޕޮއިންޓެއް ހޯދައިފިއެވެ.

ވިލަރިއަލް ދަނޑުގައި ރޭ ކުޅުނު މެޗު ނިމިގެން ދިޔައީ 4-4 އިން ދެ ޓީމް އެއްވަރު ވެގެންނެވެ. މި މެޗުން އެއްވަރު ވި ކަމުގައިވީނަމަވެސް ބާސެލޯނާ ތާވަލުގެ އެއްވަނައިގައި އޮތީ 30 މެޗު ކުޅެ 70 ޕޮއިންޓް ހޯދައިގެންނެވެ. އެ ޓީމްއާއި ވާދަ ކުރާ އެތްލެޓިކޯ މެޑްރިޑްއަށް ލިބިފައިވަނީ 30 މެޗު ކުޅެގެން 62 ޕޮއިންޓްއެވެ.

ރޭގެ މެޗުގައި ވިލަރިއަލް އިން ވަނީ ފާހަގަ ކޮއްލެވޭ ވަރުގެ މޮޅު ކުޅުމެއް ބާސެލޯނާއަށް ދައްކާފައެވެ.

ބާސެލޯނާ ރޭގެ މެޗް ކުޅުނު އިރު ފުރަތަމަ 11 ގައި އެޓީމްގެ ކެޕްޓަން ލިއޮނަލް މެސީ ނުހިމެނެއެވެ. މެސީގެ އިތުރުން ޓީމުގެ އެންމެ ތަޖުރިބާކާރު ޑިފެންޑަރު ޖެރާޑް ޕީކޭ ވެސް ރޭގެ މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނިފައެއް ނުވެއެވެ.

މެޗްގެ ފުރަތަމަ ހާފްގައި ބްރެޒިލްގެ ދެ ކުޅުންތެރިން ކަމަށްވާ ފިލިޕޭ ކުޓީނިއޯއާއި މެލްކޮމް ޖެހައިދިން ދެ ގޯލްއާއި އެކު ބާސެލޯނާ ލީޑު ނެގިއެވެ. ގިނަ ފުރުސަތުތަކެއް ބޭނުން ނުކުރެވި އޮއްވައި ކައުންޓާ އެޓޭކެއްގައި ވިލަރިއަލްގެ ފުރަތަމަ ގޯލ ޖަހައިދިނީ އެޓީމްގެ ސެމުއަލް ޝޫކްވުއޭޒޭއެވެ. ޝޫކްވުއޭޒޭގެ ގޯލްއާއި އެކީ ބާސާގެ ޑިފެންސްއަށް ބާރު ބޮޑުވިއެވެ. ދެވަނަ ހާފް ފެށިގެން މާ ގިނަ އިރު ތަކެއް ނުވަނީސް ވިލަރިއަލް އިން ވަނީ ފުލުފުލުގައި ތިން ގޯލް ޖަހައިފައެވެ.

ވިލަރެއާލް އަށް ހައިރާން ކަމެއް ގެނުވީ ބެންޗުން އެރި ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީގެ ހިތްގައިމު ހިލޭޖެހުމުންނެވެ. ގިނަ ހަމަލަތަކެއް އުފައްދައި ވިލަރެއާލްގެ ގޯލަށް ނުރައްކާ ކުރަން ފެށުމުން އެޓީމް ޕްރެޝަރަށް ދާން ފެށިއެވެ. ރޭގެ ގޯލާއެކު މެސީ ވަނީ މި ސީޒަންގައި ބާސާއަށް 32 ގޯލް ސްޕެނިޝް ލީގުގައި ޖާހައިދީފައެވެ.

މެޗްގެ ފުރިހަމަ ވަގުތު ހަމަވެގެން އިތުރު ވަގުތު ދީފައި ވަނިކޮށ، ބާސެލޯނާއަށް ނަތީޖާ ހަމަހަމަ ކޮއްދިނީ ލުއިސް ސުއަރޭޒްއެވެ.