މި ސީޒަނުގައި މުޅި ޕްރެމިއާރ ލީގުވެސް ސިއްސުވާލި އެއް ކުޅުންތެރިޔަކީ ލިވަޕޫލްގެ މުހައްމަދު ސަލާހްއެވެ. މިސްރުގެ މި ކުޅުންތެރިޔާއަކީ ޗެލްސީއާއި ދެކޮޅަށް މޮޅު ކުޅުމެއް ދެއްކުމާއިއެކު ޗެލްސީއިން ގަތް ކުޅުންތެރިޔެކެވެ. އެހެންނަމަވެސް އޭނާއަށް ޕްރެމިއާރ ލީގުގައ ކުރިމަގެއް ނެތްކަމަށް ނިންމައި ޗެލްސީއިން ވަނީ ސަލާހް އޭގެ މަދު ދުވަސްކޮޅެއް ފަހުން ވިއްކާލައިފައެވެ. ޗެލްސީއިން ކުރިމަތިވި ނާކާމިޔާބީއަށް މާ ގިނަ ދުވަސްތަކެއް ނުވަނީސް އޭނާ އެ ދަނީ މިހާރު ލިވަޕޫލްގައި އާފަޔާޙިލާފަށް މޮޅު ކުޅުމެއް ދައްކުވައިދެމުންނެވެ.

މިސްރު މި އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވުމުގައިވެސް ބޮޑު ދައުރެއް ސަލާހް ކުޅުނުއިރު ލިވަޕޫލްގެ މޮޅު ކުޅުމުގެ ފަހަތުގައިވެސް ސަލާހްގެ ހިއްސާ ވަރަށް ބޮޑެވެ. މިއާއިއެކު ފުޓުބޯޅައިގެ ތަޖުރިބާކާރުން ވަނީ ސަލާހްއަށް މެސީއާއި ރޮނާލްޑޯއަށް ގޮންޖަހައި ބެލޮން ޑޯ އެވޯޑްވެސް ކާމިޔާބުކުރެވިދާނޭކަމަށް ބުނަން ފަށައިފައެވެ. ނަމަވެސް އެއީ ސަލާހް މިހާރު އެ ކުޅޭ ފެންވަރުގައި އަބަދުވެސް ކުޅެން ފަށައިފިނަމައެވެ.

ބައެއް މީޑިޔާ ރިޕޯޓްތައް ބުނާގޮތުގައި ދުނިޔޭގެ އެންމެ ވަރުގަދަ ކުލަބުތައް ދަނީ ސަލާހް އެކުލަބުތަކަށް ގެނައުމަށްވެސް ކަޅި އަޅަމުންނެވެ. އޭގެ ތެރޭގައި ބާސެލޯނާ، ރެއާލް މެޑްރިޑު އަދި ޕީއެސްޖީވެސް ހިމެނެއެވެ.

ސަލާހް ކާމިޔާބުކުރަމުންދާ މިންވަރަށް ލަނޑު ކާމިޔާބުކުރަމުން ގޮސް މިސްރުގެ ގައުމީ ޓީމާއިއެކު ކާމިޔާބު ވޯލްޑް ކަޕެއް ނިންމާލާފައި ދެން އަންނަ ސީޒަނުގައިވެސް ހަމަ އެމޮޅު ކުޅުން ދައްކުވައިފިއްޔާ ސަލާހްއަށް ބެލޮން ޑޯ ކާމިޔާބު ނުކުރެވެންވީ ސަބަބެއް ނެތްކަމަށް ބައެއް ތަޖުރިބާކާރުން ވަނީ މިހާރުވެސް ދެކެންފަށައިފައެވެ.