މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި ކުޅުނު ފުރަތަމަ ލެގުގައި ލިއޮނަލް މެސީ ހުރިހެން، ދެވަނަ ލެގުގައި އޭނާ ނުހުންނާނެ ކަމަށް ބާސެލޯނާގެ ކޯޗު އާނަސްޓޭ ވަލްވާޑޭ ބުނެފިއެވެ.

ދެވަނަ ލެގުގައި ބާސާ ދަނޑުގައި މިރޭ ޔުނައިޓެޑާ ދެކޮޅަށް ބާސާ ނުކުންނަ އިރު، ފުރަތަމަ ލެގުގައި ހޯދި 1-0ގެ މޮޅާއެކު ކުރީގައި އޮތީ ބާސާއެވެ. ފުރަތަމަ ލެގުން ބާސާ މޮޅުވި ނަމަވެސް، ބާސާގެ ފަރާތުން ފެނުނީ އެންމެ އެކަށޭނެ ކުޅުމެއް ނޫނެވެ. ހާއްސަކޮށް ބާސާގެ ތަރި، އަދި ކެޕްޓަން މެސީގެ ފަރާތުން އެންމެ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެއް ނުވެއެވެ.

ހަފްތާ ތެރޭގައި ބާސާއިން ކުޅުނު މެޗުގައި އުމުރުން 31 އަހަރުގެ މެސީ ފެނިގެން ގޮސްފައި ނުވާ އިރު، ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުގައި ކްރިސް ސްމޯލިންގ އަތުން ޖެހި މެސީ އަނގަމައްޗާއި ނޭފަތް ފަޅައިގެން ދިޔައެވެ. އެ އަނިޔާއަށްފަހު، މެސީ ފެނުނީ މަޑުމަޑުން ހުރިތަނެވެ.

" އެ މެޗުގައި މެސީ ހުރީ ފާޑަކަށް މަޑު ޖެހިފައި. ލިބުނު އަނިޔާއާއެކު މެސީ ފެނުނީ މަޑުމަޑުން ހުރިތަން. އެހެން ނަމަވެސް އޭނާ މިހާރު ހުރީ ފިޓްކޮށް. މެސީ ކުރީ މެޗުގައި ހުރިހެން ނުހުންނާނެ. މަޑުމަޑުން ނުހުންނާނެ. އޭނާހުރީ ބަރާބަރަށް ފިޓްކޮށް. އެހެންވީމަ ތަފާތު ފެންނާނެ،" ކޯޗު ވަލްވާޑޭ ބުންޏެވެ.

މި ސީޒަންގައި މެސީ ކުޅުނު 41 މެޗުގައި އޭނާ ވަނީ 43 ގޯލް ޖަހައިފައެވެ. ރަނގަޅު ފޯމެއްގައި ކުޅެމުންދާ މެސީ ވަނީ 21 އެސިސްޓްވެސް ހަދާފައެވެ.