ޖުލައި މަހު ބާއްވާ 10 ވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ރާއްޖޭން ވާދަކުރާ ކޮންޓިންޖެންޓުގެ ޗެފް ޑި މިޝަނަރަށް އިބްރާހިމް ނާހިދު ހަމަޖައްސައިފިއެވެ.

މިދިޔަ އަހަރުގެ އޭޝިއަން ގޭމްސްގައި ވާދަކުރި ކޮންޓިންޖެންޓުގެ ޗެފް ޑި މިޝަނަރުކަން ވެސް ކުރި ނާހިދު އައިއޯއައިޖީގެ ޗެފް ޑި މިޝަނަރަކަށް ހަމަޖައްސަން ފާސްކުރީ އޮލިމްޕިކް ކޮމިޓީގެ އެގްޒެކެޓިވް ކޮމިޓީންނެވެ. އޭނާގެ ދަށުން، ފިރިހެން އެތުލީޓުންގެ އިސްވެރިޔަކަށް އިބްރާހިމް ރަޒީން ހަމަޖައްސާފައިވާއިރު އަންހެން އެތުލީޓުންގެ ހެޑަކަށް ހަމަޖައްސާފައިވަނީ މަރިޔަމް މުހައްމަދު (މާޔަން) އެވެ.

އެތުލީޓުންގެ ހުރިހާ ކަމެއް ބަލާ، މުބާރާތަށް ތައްޔާރުވުމަށް ކުރާ ހުރިހާ ކަމެއްވެސް އެތުލީޓުންގެ ހެޑްގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިޔުމަށް ހަމަޖައްސާފައިވާ އިރު، އެ މެމްބަރުންނަކީ އެތުލީޓުންގެ ކަންކަން ބެލެހެއްޓުމުގައި ޓްރެކް ރެކޯޑު ރަނގަޅު ބައެއްކަން އޮލިމްޕިކް ކޮމިޓީން ވަނީ ބުނެފައެވެ. ރަޒީން އަކީ 2014 ވަނަ އަހަރުގެ ސްކޮޓްލޭންޑްގައި ބޭއްވި ކޮމަންވެލްތު ގޭމްސްގެ ރާއްޖޭގެ ޗެފް ޑި މިޝަނަރެވެ. އަދި ފުޓްބޯޅައިގެ ތަޖުރިބާކާރު މާޔަން ވަނީ ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ހަރަކާތްތަކުގައި ބައިނަލްއަގްވާމީ ގޭމްސްތަކުގެ ތަޖުރިބާ ހޯދައިފައެވެ. އެގޮތުން މާޔަން ވަނީ 16 ވަނަ އޭޝިއަން ގޭމްސްގައިވެސް ބައިވެރިވެފައެވެ.

މި ފަހަރުގެ ގޭމްސްގައި ރާއްޖޭން ވާދަކުރާ ކުޅިވަރުތަކަކީ އެތުލެޓިކްސް، ބެޑްމިންޓަން، ބީޗް ވޮލީބޯޅަ، ފުޓްބޯޅަ، ބާސްކެޓްބޯޅަ، ޓޭބަލް ޓެނިސް، ސްވިމިން، ޓޭބަލް ޓެނިސް، ވޮލީބޯޅަ އަދި ކައިޓް ސާފިންއެވެ.

ޖުލައި 19-28 އަށް ބާއްވާ ގޭމްސްގައި ރާއްޖޭން އަމާޒުކޮށްފައިވަނީ 15 މެޑަލް ހޯދުމަށެވެ. އެންމެ ފަހުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖޭން ނުވަ މެޑަލަށް ޓާގެޓްކޮށް އަށް މެޑަލް ހޯދި އެވެ. އަދި އެ ފަހަރު ސާއިދު ވަނީ 100 މީޓަރު ދުވުމުން ރަން މެޑަލްވެސް ހޯދާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބޯގަންވިލާ އަހުމަދު ބެ

    ބާސްކެޓް ޓީމް ތައް ދާނީ ޗޮކުން

  2. ޢަހުމަދު

    ޓާގެޓަކީ އިންޑިޔާ
    ށްރީލަންކާ ފަދަ ޤައުމުތަކުން ބައިވެރިނުވާ މިފަދަ ކުޅިވަރުގެ ގޮތުން ދށް ޤައުމުތަކާއި ކުޅެ މެޑަލް ހޯދުން .... ދެން ކިހިނެއް ކުރިއަރާނީ.