އާޖެންޓީނާގެ ތަރި، އަދި ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީގެ ޖާދުވީ ހުނަރާއެކު، ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ފުރަތަމަ ލެގުގައި ބާސާއިން ލިވަޕޫލްގެ މައްޗަށް ގަދަވެއްޖެއެވެ.

ބާސާގެ އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ ލެގު، ބާސާއިން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި މެސީ ދެ ގޯލް ޖެހި އިރު، ބާސާގެ އަނެއް ގޯލް ޖެހީ ކުރިން ލިވަޕޫލްގައި ކާމިޔާބު ސީޒަންތަކެއް ހޭދަކުރި ލުއިސް ޝުއަރޭޒްއެވެ. ރޭގެ މެޗުގައި މެސީ ޖެހި ދެވަނަ ގޯލަކީ 600 ވަނަ ކެރިއާ ގޯލެވެ. އޭނާ އެ އަދަދު ހަމަކުރީ 672 މެޗުންނެވެ. ވާދަވެރި ރޮނާލްޑޯއަށް 600 ގޯލް ހަމަކުރެވުނީ 801 މެޗުންނެވެ.

މި ސީޒަންގެ ޗެމްޕިއަންސް ލީގުގެ ޓާގެޓްގައި، މެސީއާި ބާސާއިން ނުކުތް އިރު، ރޭގެ މެޗަށް ފެވަރިޓުންނަކީ ބާސާ ކަމަށް ބުނެވިދާނެއެވެ. ލިވަޕޫލުން ނުކުތީ މިދިޔަ އަހަރުގެ ކާމިޔާބު ތަކުރާރު ކޮށް، ފައިނަލްގެ ޖާގައަށް ފިޔަވަޅެއް އެޅުމަށެވެ. ބާސާއިން ނުކުތީ މިދިޔަ ހަތަރު ސީޒަންގައިވެސް އެޓީމަށް ކުރިމަތިވި މާޔޫސްކަމުގެ ހާލަތުން އަރައިގަނެ، ހަވަނަ ފަހަރަށް ޔޫރަޕްގެ ތަށްޓާ ގާތަށް ޖެހުމަށެވެ.

މެޗު ފެށިގެން ލިވަޕޫލުން މެޗު ކޮންޓްރޯލް ކޮށް ކުޅެން ފެށިއެވެ. މެސީއާއި ޝުއަރޭޒް ފަދަ ކުޅުންތެރިންނަށް އެއްވެސް ޖާގައެއް ނުދީ ހިފަހައްޓާލާނެ ކަމަށް ބެލެވުނެވެ. އެހެން ނަމަވެސް، އަނިޔާގައި ހުރި ފިރްމީނޯ ނެތްތައް އިންތިހާއަށް ދެއްކިއެވެ. ފޯވަޑް ލައިންގައި ވައިނާލްޑަމް މަސައްކަތް ކުރި އިރު، އަރިމަތިން ސަލާހާއި މާނޭގެ މަސައްކަތަށް މަދުވީ ގޯލެކެވެ. މޭނާއާއި ސަލާހަށް ލިބުނު ފުރުސަތުތައް ނަގާލި އިރު، ބާސާއަށް ލިބުނު ފުރުސަތުގައި އެޓީމުން ފަހަކަށް ނުޖެހުނެވެ.

އަރިމަތިން ޖޯޑީ އަލްބާ ނަގައިދިން ހިތްގައިމު ތިރި ހުރަސް، ފައިން ޖައްސާލާ ގޯލަށް ވައްދާލީ ލުއިސް ޝުއަރޭޒްއެވެ. މެސީގެ ނުރައްކާ އޭގެ ފަހުންވެސް ފާހަގަ ކުރެވުނު އިރު، ލިވަޕޫލުން މެޗުގެ ދެވަނަ ހާފް ފެށީ ނުރައްކާ ކޮށެވެ. ކޮންޓްރޯލް ކޮށް ކުޅުނު އިރު، މިލްނާއާއި ސަލާހް، އަދި މާނޭއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވުނެވެ.

ބާސާ މުޅިން މަޑު ޖައްސާލާ ލިވަޕޫލް ކުޅެމުންދިޔަ އިރު، ސަލާހްގެ ހަމަލާ މަތަކޮށް ބޭރުކޮށްލީ ބާސާ ގޯލްކީޕަރު ޓާ ސްޓެގަންއެވެ. މިލްނާގެ ހަމަލާއާއި ރޮބަޓްސަންގެ ހަމަލާވެސް ހުޝިޔާރު ކަމާއެކު ދިފާއުކުރީ ސްޓެގަންއެވެ. ލިވަޕޫލްއިން ފުރުސަތުތައް ބޭކާރު ކުރުމުގެ ނަތީޖާ ފެނުނީ ހިތިކޮށެވެ. ބާސާއިން ކުރިއަށް ޖެހުނު ވަގުތު ފަހަތަށް ނުވިސްނާ އޮތުމުން، މެސީގެ ގޯލާއެކު އެޓީމުން ލީޑު ފުޅާކުރިއެވެ.

ފުރަތަމަ ޝުއަރޭޒް ފޮނުވާލި ބޯޅަ ދަނޑީގައި ޖެހިފައި ނުކުތް އިރު، އެ ބޯޅަށް ގޯލަށް ވައްދާލި މެސީއެވެ. އޭގެ ފަހުންވެސް ލިވަޕޫލަށް ހުސް ފުރުސަތުތައް ލިބި ބޭކާރު ވިއެވެ. ހާއްސަކޮށް، މުޅިން ހުސްކޮށް އޮތް ސަލާހަށް ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ އަރުމަތީ ދަނޑިއަށެވެ. ލިވަޕޫލްގެ ފިލާވަޅު ނިމުނީ މެސީގެ ޖާދުލުންނެވެ. ލިވަޕޫލް އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުން، އަމާޒުކޮށްލީ ގޯލްގެ މަތީ ކަނަށެވެ. 600 ގޯލް ހަމަކޮށް، ބާސާ ފައިނަލާ ގާތަށް ޖައްސާލަ ދިނެވެ.