އާރްޔެން ރޮބެންއާއި ފްރޭންންކް ރިބަރީއަކީ ފަހު ތާރީހުގައި ބަޔާންގެ ޖާޒީގައި ފެނުނު އެންމެ ހުނަވެރި ދެ ކުޅުންތެރިންނެވެ. ކްލަބަށް އިންތިހާއަށް ލޯބިކުރި، ކުޅަދާނެ ދެ ކުޅުންތެރި، އެތައް އަހަރުތަކަކަށްފަހު ކްލަބަށް ވަދާއީ ސަލާމް ކުރީ ރޭ ކުޅުނު ބުންޑަސްލީގާ މެޗުގައެވެ. ބަޔާންއިން ފްރޭންކްފާޓް ބަލިކުރި އިރު، މެޗުގެ ފަހު ހާފްގައި ކުޅެން ނުކުތް ރޮބެންއާއި ރިބަރީވެސް ގޯލް ޖެހިއެވެ. ކްލަބު ޖާޒީގައި ކުޅުނު ފަހު މެޗުގައި ޖެހުނު ގޯލާއެކު، މުޅި ސްޓޭޑިއަމްއަށް އެ ދެ ލެޖެންޑުންގެ ހަނދާންތައް އާވެގެން ދިޔައެވެ.

ބަޔާންގައި ރޮބެން 10 އަހަރު ހޭދަކޮށްފައިވާ އިރު، ރިބަރީ ވަނީ 11 އަހަރު އެ ކްލަބުގައި ހޭދަކޮށްފައެވެ. ޑޮމެސްޓިކް ގިނަ ތަށިތަކެއް ހޯދުމުގެ އިތުރުން 2013 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުވެސް އެ ދެކުޅުންތެރިން ވަނީ ބަޔާންއާއެކު އުފުލާލާފައެވެ.

ރޭގެ މެޗުގައި ނިމުމާއެކު މުޅި އެލިއަންޒް އެރީނާވެސް "ރޮބަރީ"ގެ ޗޭންޓުން ގުގުމާލި އިރު، މެޗުގައި ރިބަރީ ގޯލް ޖެހުމަށްފަހު ޖާޒީ ބޭލުމުން ރެފްރީ ވަނީ ރީނދޫ ކާޑުވެސް ދައްކާފައެވެ. އެހެން ނަމަވެސް ރިބަރީ ވަނީ އުފަލުން ރޮވިފައި ހުރެ ރެފްރީ ގައިގައި ބައްދާލާފައެވެ.

ބަޔާންއަށް އެތައް އަހަރުތަކެއް ވަންދެން ކުޅުނު ރަފީނިއާވެސް މި ސީޒަނަށްފަހު ކްލަބު ދޫކޮށްލާފައިވާ އިރު، ބަޔާންގެ ރަން ޖީލެއްގެ ނިމުން ވަނީ އައިސްފައެވެ. އެ ކްލަބުން ދަނީ ރޮބެންއާއި ރިބަރީ ނެތްތައް ފޫބެއްދުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން މިހާރުވވެސް ޓްރާންސްފާ މާކެޓްގައި ބަޔާންއިން ޒުވާން ކުޅުންތެރިންނަށް ފާރަލާ އަޑު ވަނީ ގަދަވެފައެވެ.