މެންޗެސްޓާ ސިޓީ ހޯދާ ކާމިޔާބީތަށް އިދިކޮޅު ވާދަވެރި ޓީމުތަަކަށް ހަޖަމަކުރަން އުނދަގޫވާނެ ކަމަށް ޗެއާމަން ޚަލްދޫން އަލް މުބާރަކް ބުނެފިއެވެ.

ސިޓީން އިނގިރޭސި ތިން ތަށި ކާމިޔާބުކޮށް ތާރީހުގައި ލިޔެލާފައިވާ އިރު، މިއީ ކްލަބަކުން އިނގިރޭސި ތިންތަށި ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. ސިޓީގެ ކާމިޔާބީއާއެކުވެސް އެޓީމަށް ފާޑުކިޔުންތައް އަމާޒުވެފައިވެއެވެ. ހާއްސަކޮށް ބޮޑެތި ހަރަދު ކުރާ ވާހަކައާއި، ޔޫރަޕްގައި ކާމިޔާބީތައް ނުލިބޭ ވާހަކަ އަނެއްކާވެސް ވަނީ ދައްކަން ފަށާފައެވެ.

" ސިޓީއާ ދޭތެރޭ ކޮންމެވެސް އެއްޗެއް ކިޔަންވެގެން މިހާރު ކިޔަނީ ނުބައި އިންވެސްޓްމަންޓްތަކެކޭ ކުރީ. އެހާ ކާމިޔާބުވީމަ ޖެލެސީވެސް އަންނާނެ. ކާމިޔާބީ ހަޖަމެއް ނުވާނެ. އެކަމަކު ހަގީގަތަކީ ސިޓީއެއް ނޫން އެންމެ އަގުބޮޑު ކީޕަރު އަދި އެންމެ އަގުބޮޑު މިޑްފީލްޑަރާ ފޯވަޑް ގަތީކީވެސް،" ވާދަވެރި ކްލަބުތަކަށް އަމާޒުކޮށް މުބާރަކް ބުންޏެވެ.

މުބާރަކްގެ ބަހުގެ ހަމަލާތައް އަމާޒުކުރީ ވާދަވެރި ޔުނައިޓެޑާއި ޗެލްސީއަށެވެ. ޔުނައިޓެޑުން ޕޮގްބާ ގެންދިޔަ އިރު، އޭނާއަކީ ދުނިޔޭގެވެސް އެންމެ އަގުބޮޑު އެއް ކުޅުންތެރިޔާއެވެ. އަދި ޕްރިމިއާ ލީގުގެ އެންމެ އަގުބޮޑު ފޯވަޑަކީވެސް ލުކާކޫއެވެ. އަދި މި ސީޒަނަށް ޗެލްސީއަށް ގެންދިޔަ ގޯލްކީޕަރު ކެޕާއަކީ މިހާރު އެންމެ އަގުބޮޑު ގޯލްކީޕަރެވެ.

މުބާރަކް ބުނެފައި ވަނީ ސިޓީއަށް މި ސީޒަނުގައިވެސް އެންމެ އަގުބޮޑުކޮށް ގެންދިޔައީ މަހަރޭޒް ކަމަށާއި، އެއީ 60 މިލިއަން ޕައުންޑް ކަމަށެވެ. އަދި ސިޓީގެ ނިންމުންތަކާ މެދު ކިތައްމެ ފާޑެއް ކީ ނަމަވެސް، ސިޓީއަކީ އެންމެ ރަނގަޅަށް ހިނގާ ކްލަބު ކަމަށް އޭނާ ބުންޏެވެ.