ލަންޑަންގެ ދެ ޓީމު ޔޫރޮޕާ ލީގުގެ ފައިނަލަށް މިރޭ ނުކުންނާނެއެވެ. އަޒަރުބައިޖާންގެ ބަކޫގައި ފައިނަލް އޮންނަ އިރު، އެއީ ލަންޑަނާ ގާތްގަނޑަކަށް 2،500 މޭލު ދުރެވެ. މިރޭގެ ފައިނަލަށް ދެޓީމުގެ ސަޕޯޓަރުންނަށްވެސް އެކަން އޮތީ ތަކުލީފަކަށް ވެފައެވެ. ޔޫއެފާއިން ސަޕޯޓަރުންނަށް ފަސޭހަ ގޮތްތަކެއް ކަނޑައަޅަން މަސައްކަތް ކުރި ނަމަވެސް، އެކަމަށް މާ ބޮޑު ކުރިއެރުމެއް ލިބިފައެއް ނުވެއެވެ.

ޔޫރަޕްގެ ދެ މުބާރާތުގެ ފައިނަލަށްވެސް އިނގިރޭސި ޓީމުތައް ދިޔަ އިރު، މިއީ ތާރީހުގައިވެސް އެ ގޮތަށް ދިމާވި ފުރަތަމަ ފަހަރެވެ. ޗެލްސީން ތާވަލުގެ ތިންވަނައިގައި ލީގު ނިންމާލާ، އަންނަ އަހަރުގެ ޗެމްޕިއަންސް ލީގު ޔަގީން ކޮށްފައިވާ އިރު، ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އާސެނަލްއަށް މިރޭގެ ފައިނަލް ބޮޑަށް މުހިއްމުވެއެވެ.

މެޗަށް ނުކުންނަ އިރު، އާސެނަލްއަށް އޮތް އިތުރުން މާޔޫސް ކަމަކީ އެޓީމުގެ އަރްމޭނިއާ ކުޅުންތެރިޔާ، ހެންރިކް މިނިތާރިއަންއަށް، ސިޔާސީ ސަބަބުތަކަށްޓަކައި އަޒަރުބައިޖާންއަށް ނޭރެވުމެވެ. އެ މައްސަލައިގައި ޔޫއެފާއިން ދެގައުމު އެއް ގަލަކަށް އަރުވަން އުޅުނު ނަމަވެސް އެކަން ވެފައެއް ނުވެއެވެ. ބަކޫގައި އާސެނަލް ސަޕޯޓަރުން މިކިތާރިއަންގެ ޖާޒީގައި އުޅުނަސް ފުލުހުން ދަނީ ހިފަހައްޓަމުންނެވެ.

1994 ވަނަ އަހަރަށްފަހު އާސެނަލްއިން ޔޫރަޕްގެ ތަށްޓެއް ކާމިޔާބު ކޮށްފައިނުވާ އިރު، މިހާރުގެ ކޯޗު އުނައި އެމެރީއަކީ އެކަމަށް އެންމެ ގާބިލު މީހާއަށް ވުން ގާތެވެ. 2014 އިން 2016 އާ ދޭތެރޭ ސެވިއްޔާއާއެކު އެމެރީ ވަނީ ތިން ފަހަރަށް ޔޫރޮޕާ ލީގު ހޯދާފައެވެ. ޗެލްސީން 2013 ވަނަ އަހަރު ޔޫރޮޕާ ލީގު ކާމިޔާބު ކުރި އިރު، 2012 ވަނަ އަހަރު އެޓީމަކީ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަނުންނެވެ.

އޭރު ޗެލްސީގެ އެންމެ މުހިއްމު ކުޅުންތެރިޔާ، ގޯލްކީޕަރު ޕީޓާ ޗެކް މިރޭ އާސެނަލްގެ ގޯލް ބަލަހައްޓާ އިރު، އަންނަ ސީޒަންގައި އޭނާ ޗެލްސީ ބޯޑުން ފެންނާނެ ކަމުގެ ވާހަކަތައްވެސް ވަނީ ފެންމަތިވެފައެވެ.

އެންމެ ގިނަ ބައެއްގެ ސަމާލުކަމަށް އައި އެއް ކަމަކީ، ޗެލްސީގެ ކޯޗު ފަރިތަކުރުންތަކުގައި ރުޅި އައިސްގެން ދިޔުމެވެ. ލުއިޒްއާއި ހިގުއައިންގެ މައްސަލައެއްގައި ރުޅި އައިސްގެ ސާރީ ދިޔަ މަންޒަރު ފެނިފައިވާ އިރު، މީގެ ކުރިންވެސް މި ސީޒަނުގައި އެ މަންޒަރު ފެނިފައިވެއެވެ. މިހާތަނަށް ބޮޑު ޓްރޯފީއެއް ލިބިފައިނުވާ މައުރީޒިއޯ ސާރީ، ތަށްޓަކަށް ފެން ބޮވައިގެންފައިވާ އިރު، ޗެލްސީން ކުޅުނު ލީގު ކަޕްގެ ފައިނަލްގައި ސާރީ ހޫނު ވެފައި ވަނީ ގޯލްކީޕަރު ކެޕާއާއެވެ.

ޗެލްސީގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ކަންޓޭއަށް ފިޓްނެސްގެ އެންމެ ފަހު ޓެސްޓަކާ ކުރިމަތިލާން ޖެހިފައިވާ އިރު، މިއީ ހަޒާޑްގެ ފަހު މެޗަށްވުން ގާތެވެ.