އަޒަރުބައިޖާންގެ ބަކޫގައި ކުޅުނު ޔޫރޮޕާ ލީގުގެ ފައިނަލްގައި 4-1ގެ ނަތީޖާއަކުން އާސެނަލް ބަލިކޮށް، ވާދަވެރި ޗެލްސީން ދެވަނަ ފަހަރަށް ޔޫރޮޕާ ލީގު ކާމިޔާބު ކޮށްފިއެވެ.

ލަންޑަންގެ ވާދަވެރި ދެޓީމު މިރޭ ވާދަކުރި ފައިނަލް ކުޅެފައި ވަނީ ބަކޫގެ އޮލިމްޕިކް ސްޓޭޑިއަމްގައެވެ. އެ ސްޓޭޑިއަމްގައި ފައިނަލް ކުޅެން ނިންމުމާއެކުވެސް ޔޫއެފާއަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. ހާއްސަކޮށް ދަތުރު ފަތުރުގެ އުނދަގޫތައް ކުރިމަތިވުމުގެ އިތުރުން ސަޕޯޓަރުންނަށް އެކަށޭނެ މާހައުލެއް ސްޓޭޑިއަމްގައި ގާއިމްވެފައި ނެތުން ހިމެނެއެވެ.

ސްޓޭޑއަމްގެ ބޭރުން ހުސް ޖާގަ ބޮޑުވުމުގެ ސަބަބުން ކުޅި ބެލުންތެރިންނަށް ވަރަށް ބޮޑަށް އުނދަގޫވާ އިރު، މިރޭގެ މެޗަށް ދެޓީމުގެ ސަޕޯޓަރުން ވަންލަތްވެސް މަދެވެ. ގާތްގަނޑަކަށް 7،000 ސަޕޯޓަރުން އިނގިރޭސިވިލާތުން ދިޔަ އިރު، ސީޓްތައް ނުފުރި ހުސްކޮށް އޮތްތަން ފެނިގެން ގޮސްފައިވެއެވެ.

ޗެލްސީން މިރޭގެ މެޗަށް ނުކުތީ 2013 ވަނަ އަހަރުގެ ކާމިޔާބީ ތަކުރާރު ކުރުމަށެވެ. އާސެނަލްއިން ނުކުތީ 1994 ވަނަ އަހަރަށްފަހު ޔޫރަޕްގެ ފުރަތަމަ ތަށި ކާމިޔާބު ކުރުމަށެވެ. އެ އިންތިޒާރުގެ ނިމުން ގެނުވަން އާސެނަލްއިން މެޗަށް ނުކުތީ ޔޫރޮޕާ ލީގުގެ އެންމެ ކާމިޔާބު ކޯޗު، އުނައި އެމެރީއާވެސް އެކުގައެވެ. ޗެލްސީ ކޯޗު މައުރީޒިއޯ ސާރީ ނުކުތީ ކެރިއަރުގެ ފުރަތަމަ ބޮޑު ޓްރޯފީ ހޯދުމަށެވެ.

ސާރީގެ އެ ހުވަފެން ހަގީގަތަކަށް ހަދައިދިނުމުގެ މޭސްތެރިޔަކީ ޗެލްސީގެ ބެލްޖިއަމް ތަރި، އެޑެން ހަޒާޑެވެ. މިރޭގެ މެޗަކީ، ހަޒާޑް ރެއާލްއަށް ބަދަލުވުމުގެ ކުރިން ޗެލްސީ ޖާޒީގައި ކުޅުނު އެންމެ ފަހު މެޗުކަމަށް ވަރަށް ބޮޑަށް ބެލެވިފައި އޮތް އިރު، މެޗުގައި ހަޒާޑް ވަނީ ޗެލްސީއަށް ތަފާތު ދައްކައިދީފައެވެ. ދެ ގޯލް ޖަހާ، އާސެނަލްގެ ޑިފެންސަށް ބޮޑެތި ނުރައްކާތައް ކުރިމަތި ކުރުވި އިރު، މެޗުގައި ހުރިހާ ގޯލެއްވެސް ފެނުނީ ދެވަނަ ހާފްގައެވެ.

ފުރަމަ ކޮޅުގައި އާސެނަލްއިން ނުރައްކާ ކުރި ނަމަވެސް، ދެވަނަ ހާފަށް ނުކުމެ ޗެލްސީން މެޗު އަނބުރާލިއެވެ. އޮލިވިއާ ޖިރޫގެ ހިތްގައިމު ނިންމާލުމަކުން ޗެލްސީ ލީޑު ނެގި އިރު، އެ ގޯލަކީ އޭނާ މުބާރާތުގައި ޖެހި 11 ވަނަ ގޯލެވެ. ޖިރޫއަކީ ޔުރޮޕާ ލީގުގެ ޓޮޕް ސްކޯރާވެސް މެއެވެ. ޗެލްސީގެ ދެވަނަ ގޯލް، ޕެޑްރޯ ޖެހި އިރު، ތިންވަނަ ގޯލަކީ ހަޒާޑްގެ ޕެނަލްޓީއެކެވެ. އާސެނަލްއިން ވަނީ އެ ދޭތެރެއިން ގޯލެއް ޖަހާ އުންމީދު އާކޮށްފައެވެ.

އެލެކްސް އިވޯބީ އޭރިއާ ބޭރުން، ޗެލްސީ ގޯލްގެ ކަނަށް ވައްދާލި ގޯލާއެކު އާސެނަލް އުންމީދު އާކުރި ނަމަވެސް، ހަޒާޑް ވަނީ ހަތަރު ވަނަ ގޯލެއްވެސް ޖަހާފައެވެ. ޗެލްސީގެ ލެޖެންޑްރީ ގޯލްކީޕަރު ޕީޓާ ޗެކް، އާސެނަލްގެ ގޯލް ބަލަހައްޓަމުން ދިޔަ އިރު، އޭނާއަށް ކުރެވޭނެ ކަމެއް ނެތެވެ.