ލޫސިއާނޯ ސްޕެލެޓީގެ މަގާމު ފޫބެއްދުމަށް އިންޓަ މިލާންގެ ކޯޗަކަށް އެންޓޯނިއޯ ކޮންޓޭ ހަމަޖައްސައިފިއެވެ.

ކުރީގެ އިޓަލީ ގައުމީ ޓީމު އަދި ޗެލްސީގެވެސް ކޯޗު، ކޮންޓޭ އެމަގާމަށް ހަމަޖެއްސިކަން މިއަދު ވަނީ އިއުލާން ކޮށްފައެވެ. މިދިޔަ ސީޒަނަށްފަހު ޗެލްސީގެ ކޯޗުކަމުން ކޮންޓޭ ވަކިކޮށްފައިވާ އިރު، އޭރުން ފެށިގެން އޭނާ އެއްވެސް ޓީމަކަށް ކޯޗުކަން ކޮށްދީފައެއް ނުވެއެވެ.

މީގެ ކުރިން ޔުވެންޓަސްއާއެކު ސެރެއާ އޭ ކާމިޔާބުކުރި ކޮންޓޭ، ޗެލްސީގައި ހޭދަކުރި ދެއަހަރު ތެރޭގައި ވަނީ ޕްރިމިއާ ލީގާއި އެފްއޭ ކަޕްވެސް ކާމިޔާބު ކޮށްފައެވެ. އިންޓަ މިލާންއިން މިދިޔަ ސީޒަން ނިންމާލީ ތަވާލުގެ ހަތަރުވަނައިގައެވެ. ޗެމްޕިއަންސް ލީގަށް އެޓީމު ކޮލިފައިވެފައިވާ އިރު، ކޮންޓޭ ބުނެފައި ވަނީ އިންޓައަކީ އާ ޗެލެންޖެއް ކަމަށާއި، އޭނާ އިންޓަ ހިޔާރު ކުރީ ކްލަބުގެ މުސްތަގުބަލަށް ވިސްނާފައި ހުރި ކަންކަމަށް ބެލުމަށްފަހުގައި ކަމަށެވެ.

އިންޓާ މިލާނުން ބުނެފައި ވަނީ ކޮންޓޭއަކީ މިހާރު ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ކޯޗު ކަމަށާއި، ޔަގީނުންވެސް ކޮންޓޭއާއެކު އިންޓަ މިލާން އެހެން ލެވެލްއަކަށް ގެންދެވޭނެ ކަމަށެވެ.

އިންޓަ މިލާންއަކީ ކުރިން ޔޫރަޕްގެ ގަދަ ބާރެކެވެ. އެހެން ނަމަވެސް ދޭތެރެއަކުން ވަރަށް ބޮޑަށް ކްލަބު އަޑި އަޅާލާފައިވާ އިރު، މިހާރު އަނެއްކާވެސް އެ ކްލަބު ދަނީ ވަރުގަދަ ކުރަމުންނެވެ. ކޮންޓޭއަކީ އިޓަލީގެ ފުޓުބޯޅަ ރަނގަޅަށް އެނގޭ ކާމިޔާބު ކޯޗެކެވެ.