މިރޭ ސްޕެއިން އާއި ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗަށް އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ފިޓްވެއްޖެއެވެ.

ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއެއްގެ ސަބަބުން މިދިޔަ ހުކުރު ދުވަހުގެރޭ އިޓަލީ އަތުން 0-2 އިން އާޖެންޓީނާ މޮޅުވި މެޗުގައި މެސީ ކުޅެފައެއް ނުވެއެވެ. އެއާއެކު ސްޕެއިން އާއި ދެކޮޅަށް ކުޅޭ މެޗަށް މެސީ ފިޓް ވެދާނެ ކަމާމެދު އޮތީ ސުވާލު އުފެދިފައެވެ.

މިރޭގެ މެޗުގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާޖެންޓީނާގެ ކޯޗު ސަމްޕައޯލީ ބުނީ ފަރިތަކުރުންތަކުގައި ވެސް މެސީ ބައިވެރިވެފައިވާ ކަމަށާއި މިރޭގެ މެޗަށް އޭނާ ފިޓް ވެފައިވާ ކަމަށެވެ.

"އެއްވެސް ކަހަލަ ރިސްކެއް އޮތްނަމަ އެ ވާހަކަ މެސީ އަހަރުމެން ގާތު ބުނާނެ. އިޓަލީ އާއި ދެކޮޅަށް ކުޅުނު މެޗުގަ މެސީ ބުނި ނުކުޅެވޭނެ ވާހަކަ. އެހެންވެ އެ މެޗުގަ އޭނާ ނުކުޅުނީ" ސަމްޕައޯލީ ބުންޏެވެ.

ފާއިތުވި ދެ ދުވަހު ވެސް އާޖެންޓީނާގެ ފަރިތަކުރުންތަކުގައި މެސީ ބައިވެރިވެފައިވާ ކަމަށާއި އިތުރު މައްސަލައެއް ކުރިމަތި ނުވާނަމަ މިރޭގެ މެޗުގައި މެސީ އަށް ކުޅެވޭނެ ކަމަށްވެސް ސަމްޕައޯލީ ބުންޏެވެ.

މިރޭގެ މެޗަށް މެސީ ފިޓުވިއިރު އަނިޔާގެ ސަބަބުން މި މެޗުގައި އާޖެންޓީނާގެ އެންހެލް ޑިމަރިޔާ އާއި ސާޖިއޯ އަގުއެރޯ އަށް ނުކުޅެވޭނެއެވެ.

ސްޕެއިން އާއި އާޖެންޓީނާ ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 12:30 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަޒީ

    އިޓަލީ ޑިފެންސް ތެރޭ މެސީ އަށް އެނގޭ ފަސޭހަ ނުވާނެ ކަން ކޮޅެން.. އެން ވީމަ އެއްޗެކޭ ކިޔާފަ ނުކުޅުނީ...

  2. އަލީ އާދަމް

    ފަސޭހަ ނުވާތީ މޮޅުވެފަ އެޔޮތީ.. ޖޭވިޔަސް ހަމަ ޖެހޭވާހަކަ ދައްކަބަ.

  3. އަލީ އާރިފް

    ޑިފެންސަކަށް ކޮންމެހެން ބަލާކަށް ނުޖެހޭ، މޮޅަށް ކުޅުނީމަ އެޔޮތީ މޮޅުވެފަ