މުސްތަގްބަލުގައި ރާއްޖޭގައި ފުޓްބޯޅައިގެ އެކިއެކި އިންޓަނޭޝަނަލް މުބާރާތްތައް ބާއްވަން ފަސޭހަ ވެގެން ދާނެ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

އަންނަ މަހު 20ގައި އައްޑޫ ސީޓީގައި ފެށުމަށް ހަމަޖެހިފައިވާ ޔޫއެފާ 15 އަހަރުން ދަށުގެ އިންޓަނޭޝަނަލް މުބާރާތާއި ބެހޭ ގޮތުން މިއަދު އެފްއޭއެމްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ބައްސާމް ވިދާޅުވީ މިއީ ފެށުމެއް ކަމަށާއި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައި.އޯ.އައި.ޖީ) އަށް ބިޑް ކުރުމަށް ޔޫތް މިނިސްޓްރީ އިން ނިންމުމުން އެކަމާއި މެދު ވަރަށް އުފާވާ ކަމަށެވެ.

"އަޅުގަނޑުމެން ވެސް ބޭނުން ރާއްޖޭގައި އެކި އުމުރު ފުރާތައް، ޙާއްސަކޮށް ނެޝަނަލް އޭ ޓީމްގެ އިންޓަނޭޝަނަލް މުބާރާތްތައް ބާއްވަން އެހެން ނަމަވެސް ބައެއް ކަހަލަ ހާލަތްތައް މެދުވެރިވެގެން ނުވެ މިދަނީ. އަޅުގަނޑު ދަންނަވާނީ މިއީ ފެށުމެކޭ."

ބައްސާމް އިތުރަށް ވިދާޅުވީ މިނިސްޓްރީ އިން ގެންގުޅޭ އަތޮޅު ތެރޭގައި އިންފާސްޓްރަކްޗާ ޑެވެލޮޕް ކުރުމުގެ ޕްލޭނާއި އެކު މުސްތަގުބަލުގައި މިފަދަ މުބާރާތްތައް ބާއްވަން ފަސޭހަ ވެގެން ދާނޭ ކަމަށެވެ. އެއީ އައި.އޯ.ޖީ އަށް ބިޑް ކުރާ އިރު އެކަންކަން ރަނގަޅު ވެގެން ނޫނީ މުބާރާތް ރާއްޖޭގައި ނުބޭއްވޭނެތީއެވެ.

އައި.އޯ.އައި.ޖީ އަކީ މި ސަރަހައްދުގައި ބޭއްވޭ ކުޅިވަރުގެ އެންމެ ބޮޑު އެއް މުބާރާތް ކަމުގައި ވާއިރު، ސަރުކާރުން މިހާރު އަންނަނީ އެ މުބާރާތައް ބިޑް ކުރުމަށް މަސައްކަތް ކުރަމުން ކަމަށް ޔޫތް މިނިސްޓާރ އަހްމަދު މަހުލޫފް ވަނީ ވިދާޅުވެފައެވެ.