ޕެނެލްޓީ ޖަހައިގެން ޕެރަގުއޭ ބަލިކޮށް، ބްރެޒިލުން 12 އަހަރަށްފަހު ކޮޕާ އެމެރިކާގެ ސެީ ފައިނަލަށް ދަތުރު ކޮށްފިއެވެ.

ރޭ ޕޯޓް އެލްގްރޭގައި ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 0-0އިން ނަތީޖާ އެއްވަރުވެފައި އޮތުމުން، ސެމީއަށް ދާނެ ޓީމު ކަނޑައެޅީ ޕެނެލްޓީ ޖަހައިގެންނެވެ. ޕެނެލްޓީގައި ބްރެޒިލުން ޕެރަގުއޭ ބަލިކުރީ 4-3ގެ ނަތީޖާއަކުންނެވެ.

މީގެ ކުރިން 2007 ވަނަ އަހަރު ބްރެޒިލުން ކޮޕާ އެމެރިކާ ކާމިޔާބުކުރި ފަހުން، ކުޅުނު ހަތަރު މުބާރާތުންވެސް އެޓީމަށް ސެމީއާ ހަމައަށް ދެވިފައެއް ނުވެއެވެ. ހާއްސަކޮށް ގިނަ ފަހަރު އެކަމުގެ ހުރަހަކަށް ޕެރަގުއޭވެސް ވެފައި ވެއެވެ. އެ ގޮތުން 2011 އާއި 2015 ވަނަ އަހަރު ކެޓީ ޕެނަލްޓީ ޖަހައިގެން ޕެރަގުއޭ އަތުން ކުއާޓާ ފައިނަލުގަ އެވެ. އަދި އެންމެ ފަހުން 2016 ވަނަ އަހަރު ބޭއްވި މުބާރާތުން ބްރެޒިލް ކެޓީ ގްރޫޕް ސްޓޭޖުންނެވެ.

ރޭގެ މެޗުގެ 58 ވަނަ މިނެޓުގައި ފަބިއަން ބަލްބުއޭނާއަށް ދެއްކި ރަތް ކާޑާއެކު ޕެރަގުއޭއިން ކުޅުންތެރިޔަކު މަދުކޮށް ކުޅުނު ނަމަވެސް، ބްރެޒިލަށް އެންމެ ރަނގަޅު އެޓޭކެއް ކުރެވޭ ގޮތެއް ނުވިއެވެ. ވިލިއަންގެ ހަމަލާއެއް ދަނޑީގައި ޖެހުނު އިރު، ފަހު މިނެޓް އެލެކްސް ސާންޑްރޯ ފޮނުވާލި ހަމަލާވެސް ވީ ނާކާމިޔާބެވެ. ކައުންޓާ އެޓޭކްގައި ޕެރަގުއޭއިން ނުރައްކާ ކުރި އިރު، ދެ ހަމަލާއެއް ބްރެޒިލްގެ ގޯލްކީޕަރު އެލިސަން ބެކާ ވަނީ ދިފާއު ކޮށްފައެވެ.

ބްރެޒިލްގެ ފޯވަޑް ފިރްމީނޯ ޕެެނެލްޓީ ނާކާމިޔާބު ކޮށްލި އިރު، ވިލިއަން، ކުޓީނިއީ، މާކީނިއޯސް ވަނީ ޕެނެލްޓީ ކާމިޔާބު ކޮށްފައެވެ. އަދި އެލިސަންގެ ސޭވްއަކަށްފަހު ބްރެޒިލް މޮޅުވި ޕެނެލްޓީ ކާމިޔާބު ކޮށްދިނީ ގެބްރިއަސް ޖީސަސްއެވެ.

ސެމީގައި ބްރެޒިލް ކުޅޭނީ މިރޭ އާޖެންޓީނާ އާއި ވެނެޒުއޭލާ ކުޅޭ ސެމީން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.