ނިމިދިޔަ ސީޒަނުގައި އިނގިރޭސި ކްލަބު ނިއުކާސްލް އަށް އިރުޝާދު ދިން ރަފާ ބެނިޓޭޒް ޗައިނީސް ސުޕަ ލީގުގެ ޓީމެއް ކަމުގައިވާ ޑަލިއަން ޔިފަންގް އަށް ސޮއި ކޮށްފިއެވެ.

މިދިޔަ ހަފްތާ ތެރޭގައި ބެނިޓޭޒްގެ ނިއުކާސްލް އާއި އެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވި އިރު، އެ ކްލަބާއި ބެނިޓޭޒް އާއި ދެމެދު ކޮންޓްރެކްޓް އިތުރު ކުރަމަށް ދެކެވުނު ވާހަކަތައް ވަނީ ކޮޅެއްގައި ނުޖެހި ނިންމާލާފައެވެ.

އެ ކްލަބު ދޫކޮށްލުމަށް ފަހު ސަޕޯޓަރުންނަށް ލިޔެފައިވާ ބަޔާނުގައި ބެނިޓޭޒް ބުނެފައި ވަނީ އެ ކްލަބުގައި މަޑު ކުރަން ބޭނުންވި ނަމަވެސް، ކްލަބުގެ ވެރި މީހާ އާއި އޭނާގެ ވިސްނުން ތަފާތު ވުމުން އެކުގައި މަސައްކަތް ކުރެވެން ނެތުމުން ކްލަބު ދޫކޮށްލީ ކަމަށެވެ.

މީގެ ކުރިން ރެއަލް މެޑްރިޑާއި، އިންޓަ މިލާން، ލިވަޕޫލް އަދި ޗެލްސީ ފަދަ ބޮޑެތި ކްލަބްތަކަށް އިރުޝާދު ދީފައިވާ އުމުރުން 51 އަހަރުގެ ބެނިޓޭޒް އަކީ އޭނާ ދާ ކޮންމެ ކްލަބަކުންވެސް ކޮންމެވެސް ޓްރޮފީ އެއް ކާމިޔާބު ކުރާ ކޯޗެއްގެ ގޮތުގައި ވަނީ ފާހަގަ ކުރެވިފައެވެ.

ނިއުކާސްލްގެ ކޯޗު ކަމާއި 2016 ވަނަ އަހަރު ބެނިޓޭޒް ހަވާލުވި ނަމަވެސް، އެ އަހަރު އެ ކްލަބު ވަނީ ރެލިގޭޓް ވެފައެވެ. އެހެނަސް، ޖެހިގެން އައި އަހަރު ބެނިޓޭޒް ވަނީ އިނގިރޭސި ޗެމްޕިއަންޝިޕް އެ ކްލަބާއި އެކު ކާމިޔާބުކޮށް، އަނެއްކާވެސް ޕްރިމިއާ ލީގަށް ނިއުކާސްލް އަރުވައި ދީފައިކަން ފާހަގަކޮށްލެވެއެވެ.

ޗައިނާގައި ބެނިޓޭޒް އަށް އަހަރެއްގެ މައްޗައް 12 މިލިއަން ޕައުންޑް ލިބިގެން ދާނެ އިރު، އޭނާގެ އިރުޝާދުގެ ދަށުން އެ ކްލަބު ބޮޑެތި ކާމިޔާބީ ތަކެއް ހޯދާނޭ ކަމާއި މެދު އެއްވެސް ޝައްކެއް ނެތެވެ.