އިނގިރޭސި ޕްރިމިއާ ލީގުގައި ނިއުކާސަލުން ފުލްހަމް ބަލިކުރިއިރު، ޕްރެޝަރުގައި އޮތް ޗެލްސީން އަމިއްލަ ދަނޑުގައި 1-0 އިން ކްރިސްޓަލް ޕެލަސް ބަލިކޮށް ހަމަނޭވައެއް ލައިފިއެވެ.

މި ނަތީޖާއާއެކު ނިއުކާސަލުން ވަނީ ތާވަލުގެ ތިން ވަނަ ހޯދާފައެވެ. ނިއުކާސަލަށް ކުޅުނު 19 މެޗުން ލިބިފައިވަނީ 58 ޕޮއިންޓެވެ. ހަތަރު ވަނައިގައި މެންޗެސްޓާ ޔުނައިޓެޑް އޮތީ އެއް މެޗު މަދުން ކުޅެގެންނެވެ. ފުލްހަމް އޮތީ ޖުމުލަ 31 ޕޮއިންޓާއެކު ތާވަލުގެ ހަ ވަނައިގައެވެ.

ލީގުގައި ރޭ ކްރިސްޓަލް ޕެލަސް އަތުން ޗެލްސީ މޮޅުވީ މެޗުގެ 64 ވަނަ މިނިޓްގައި ހަކީމް ޒިޔެޗް ނެގި ހުރަހަކުން ކައި ހަވާޓްޒް ބޮލުން ޖެހި ގޯލުންނެވެ. މި މެޗުގައި ޕެލަސް އިން ފޮނުވާލި ނުރައްކާތެރި ހަމަލާތަކެއް ޗެލްސީގެ ކީޕަރު ކެޕާ އަރިއްޒަބަލާގާ ވަނީ މަތަކޮށްފައެވެ.

މިއީ އެންމެ ފަހުން ކުޅުނު 10 މެޗުގެ ތެެރެއިން ޗެލްސީ މޮޅުވި ދެ ވަނަ މެޗެވެ. މި މޮޅާ އެކު ޗެލްސީ އޮތީ 19 މެޗުން 28 ޕޮއިންޓާ އެކު ލީގުގެ 10 ވަނައިގައެވެ.

ލީގުގައި ރޭ ނިއުކާސަލް ޔުނައިޓެޑުން ފުލަމް ބަލިކުރީ 1-0 ގެ ނަތީޖާއިންނެވެ. ނިއުކާސަލަށް މި މެޗުގެ ހަމައެކަނި ގޯލު ޖަހައިދިނީ ބަދަލަކަށް ކުޅެން އެރި ސްވިޑަންގެ ފޯވާޑް އަލެކްސަންޑަ އިސާކްއެވެ. މި މެޗުގައި ފުލަމް އަށް ލިބުނު ޕެނަލްޓީ އަކުން އެ ޓީމުގެ އަލެކްސަންޑަ މިޓްރޮވިޗް، ވެއްޓިގެންފައި ޖެހި ބޯޅަ އޭނާގެ އެއް ފައިން ފޮނުވާލުމުން އަނެއް ފައިގައި ޖެހިފައި ގޯލަށް ވަނުމާ އެކު، ރެފްރީ ނިންމީ ނިއުކާސަލް އަށް ޖެހުމެއްދީ، ޕެނަލްޓީގައި ފައުލެއް ހިނގާފައިވާ ކަމަށެވެ.

ޕްރިމިއާ ލީގުގެ އެއް ވަނައިގައި އޮތީ ރޭ ޓޮޓެންހަމް އަތުން 0-2 ގެ ނަތީޖާ އިން މޮޅުވި އާސެނަލްއެވެ. އާސެނަލް އޮތީ ކުޅުނު 18 މެޗުން 47 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު ދެވަނައިގައި މެންޗެސްޓާ ސިޓީ އޮތީ އަށް ޕޮއިންޓުގެ ފަރަގަކާއެކުއެވެ.