ޕްރިމިއާ ލީގުގައި 0-1 ގެ ނަތީޖާއަކުން ފުލަމް ބަލިކޮށް ޓޮޓެންހަމް ހޮޓްސްޕާ ޕޮއިންޓް ތާވަލުގެ ދެވަނައަށް ޖެހިލައިފިއެވެ.

ޓޮޓެންހަމް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން އެޓީމުގެ ފަރާތުން ވަރުގަދަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، ފުލަމްގެ ހާފަށް ބާރުބޮޑުކޮށް އެޓީމުން ވަނީ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. ނަމަވެސް ފުލަމް އިން ދިޔައީ ޑިފެންސްކޮށް ގިނަ ހަމަލާތައް ދިފާއު ކުރަމުންނެވެ.

މި މެޗުގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ޓޮޓެންހަމް އިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު ރިޗަލިސަންގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ހޮޖްބާގްއެވެ. މި ލަނޑަށްފަހުވެސް ޓޮޓެންހަމް އިން ވަނީ ފުލަމްގެ ހާފަށް ބާރުބޮޑުކޮށް ޕްރެޝަރު ކޮށްފައެވެ.

މި މެޗުގެ ފުރަތަމަ ހާފް 0-1 ގެ ނަތީޖާއިން ފުލަމްގެ މައްޗަށް ޓޮޓެންހަމް ކުރީގައި އޮވެގެން ނިމިފައިވާއިރު، ދެވަނަ ހާފް ފެށިގެން ޓޮޓެންހަމް އިން ވަނީ އެޓީމުގެ އެޓޭކްތައް ވަރުގަދަ ކޮށްފައެވެ. މިގޮތުން ފުލަމްގެ ހާފަށް ބާރުބޮޑުކޮށް އެޓީމުން ވަނީ ގިނަ ހަމަލާތައް އުފައްދާފައެވެ.

ޓޮޓެންހަމް އިން މެޗުގެ ލީޑު ފުޅާ ކުރީ 75 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކުރީ ހެރީ ކޭންއެވެ. މިއިީ އޭނާ ޕްރިމިއާ ލީގުގައި ކާމިޔާބުކުރި 188 ވަނަ ލަނޑު ކަމަށްވާއިރު، އޭނާ މިހާރު ވެގެން ގޮސްފައި ވަނީ ލީގުގައި ތިންވަނައަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށެވެ.

މި މެޗު ނިމުމުގެ ކުރިން ފުލަމް އިން ވަނީ ސުން ކަނޑުވާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މިޓްރޮވިޗްއެވެ. އޭނާ އަންނަނީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކައި، ލަނޑުތައް ކާމިޔާބު ކުރަމުންނެވެ.

މި ލަނޑާއެކު ޓޮޓެންހަމް އިން ވަނީ ލީޑުގައި އޮވެ މެޗު ނިންމާލުމަށް މަސައްކަތް ކޮށްފައެވެ. އަދި މި މެޗުގެ އިތުރު ވަގުތުގައި ޓޮޓެންހަމްއަށް ރިޗަލިސަން ލަނޑެއް ކާމިޔާބު ކުރި ނަމަވެސް އެ ލަނޑު ވީއޭއާރް އިން ބެލުމަށްފަހު ވަނީ އޮފްސައިޑް ކަމަށް ނިންމާފައެވެ.

މި ނަތީޖާއާއެކު ޓޮޓެންހަމް އޮތީ ކުޅުނު ހަ މެޗުން ލިބުނު 14 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ދެވަނައިގައެވެ. މެޗުން ބަލިވި ފުލަމް އޮތީ ކުޅުނު ހަ މެޗުން ލިބުނު 8 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ޕޮއިންޓް ތާވަލުގެ 10 ވަނައިގައެވެ.