އިނގިރޭސި ޕްރިމިއާ ލީގުގެ ޓޮޓެންހަމް އަށް ކުޅެމުން އަންނަ އިނގިރޭސި ފޯވާޑް ހެރީ ކޭން ހޯދުމަށް ޖަރުމަނުގެ ބަޔާން މިޔުނިކުން ހުށައެޅި ބިޑު ޓޮޓެންހަމްއިން ބަލައި ނުގަނެ އަނބުރާ ފޮނުވާލައިފިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ޓޮޓެންހަމްގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދި ހެރީ ކޭން ހޯދުމަށް ބަޔާންއިން ހުށައަޅާފައި ވަނީ 70 މިލިއަން ޔޫރޯގެ ފީއެކެވެ. ނަމަވެސް އެ އަގުގައި ކޭން ދޫ ނުކުރެވޭނެ ކަމުގައި ޓޮޓެންހަމް އިން ވަނީ ބުނެފައެވެ.

2009 ވަނަ އަހަރު ޓޮޓެންހަމްއާ ގުޅުނު ކޭން ވަނީ އެކި އަހަރުތައް މަތިން ލޯނު އެއްބަސް ވުމުގެ ދަށުން އެހެން ކުލަބު ތަކަށް ކުޅެދީފައެވެ. އެގޮތުން 2011 ވަނަ އަހަރު ލިއެޓޮން އޮރިއެންޓް، 2012 ވަނަ އަހަރު މިލްވޯލް، އަދި ހަމަ އެއަހަރު ނޯވިޗް ސިޓީގެ އިތުރުން 2013 ވަނަ އަހަރު ލެސްޓާ ސިޓީއަށްވެސް ވަނީ ކުޅެފައެވެ.

ޓޮޓެންހަމްއާ އެކު ހޭދަކުރި ދިގު ތާރީހުގައި އެއްވެސް މުބާރާތެއް ކާމިޔާބު ނުކުރެވުނު ނަމަވެސް ކުލަބުގެ ރެކޯޑު ވަނީ މުގުރާލާފައެވެ. ކުލަބަށް އެންމެ ގިނަ ގޯލު ޖަހާދިން ކުޅުންތެރިޔާގެ ރެކޯޑު ހެރީ ކޭން ވަނީ ނިމިދިޔަ ސީޒަންގައި މުގުރާލާފައެވެ. އެންމެ ފަހުން މި ރެކޯޑު ހަދާފައި ވަނީ 1970 ވަނަ އަހަރު ޖިމީ ގްރީވްސްއެވެ. އެއީ 266 ގޯލު ކުލަބަށް ކާމިޔާބުކޮށްދީގެންނެވެ. ހެރީ ކޭން ރެކޯޑު މުގުރާލާފައި ވަނީ 280 ގޯލު ކުލަބަށް ކާމިޔާބުކޮށްދީގެންނެވެ. އެއީ ޖިމީ ގްރީވްސްއަށް ވުރެ ހަތަރު މެޗު މަދުން ކުޅެގެންނެވެ.

ޓޮޓެންހަމްގެ އިތުރުން ހެރީ ކޭން އަކީ އިނގިރޭސި ގައުމީ ޓީމުގައިވެސް މުހިންމު ދައުރެއް އަދާ ކުރަމުންދާ ކުޅުންތެރިއެކެވެ. 2015 ވަނަ އަހަރުން ފެށިގެން ގައުމީ ޓީމަށް ކުޅެމުން ގެންދާ ކޭން ވަނީ ގައުމީ ޓީމަށް ޖުމުލަ 84 މެޗު މިހާތަނަށް ކުޅެދީފައެވެ. އަދި ވޯލްޑް ކަޕު ފަދަ މުހިންމު ބޮޑެތި މުބާރާތް ތަކުގައި ވަނީ ގޯލުވެސް ޖަހާދީފައެވެ. ގައުމީ ޓީމަށް ޖުމުލަ 58 ގޯލު މިހާތަނަށް ކޭން ވަނީ ކާމިޔާބުކޮށްދީފައެވެ.

ބައެއް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ބަޔާން މިޔުނިކްގެ އިތުރުން އިނގިރޭސި ކުލަބް މެންޗެސްޓާ ޔުނައިޓެޑުން ވެސް ދަނީ ހެރީ ކޭންއަށް ފާރަ ލަމުންނެވެ. ނަމަވެސް އަދި ރަސްމީ މަޝްވަރާއެއް ކުރިއަށް ގެންގޮސްފައި ނުވާއިރު، ޓޮޓެންހަމްއިން ކޭން ދޫކޮށްލާނީ އެންމެ ކުޑަ އަގެއްގެ ގޮތުގައި 100 މިލިއަން ޔޫރޯއަށް ކަމުގައި ބައެއް ބޭރުގެ މީޑިއާ ރިޕޯޓުތައް ބުނެއެވެ.