1. ސްޕެއިންގެ ރެއާލް މެޑްރިޑުން މިވަގުތު އެންމެ ބޮޑަށް ބޭނުންވާ ކުޅުންތެރިއަކީ ޓޮޓެންހަމް އަށް ކުޅެމުން އަންނަ އިނގިރޭސި ފޯވާޑް ހެރީ ކޭން ކަމުގައި މީޑީއާ ރިޕޯޓްތައް ބުނެފިއެވެ.

ރިޕޯޓްތައް ބުނާގޮތުން ރެއާލުން ކޭން ހޯދުމަށް މަސައްކަތް ކުރަނީ ރެއާލް މެޑްރިޑްގެ ޖޯޒީގައި 14 އަހަރު ކުޅުމަށް ފަހު ބެންޒީމާ ކުލަބު ދޫކޮށްލުމާއި ގުޅިގެން އޭނާ ނެތްތަން ފޫބެއްދުމަށެވެ.

އުމުރުން 29 އަހަރުގެ ކޭން ޓޮޓެންހަމްއާއިއެކު ހަދާފައިވާ ކޮންޓްރެކްޓުގައި އަދި ބާކީ އެއް އަހަރު އެބައޮތެވެ. އެކި ފަހަރުމަތިން ޔޫރަޕްގެ ބޮޑެތި ޓީމްތަކުން ކޭން ހޯދުމަށް މަސައްކަތްކުރި ނަމަވެސް މިހާތަނަށް އެކަން އެއްވެސް ކުލަބަކަށް ކާމިޔާބު ވެފައިނުވެއެވެ.

ޕްރިމިއާ ލީގުގައި އެންމެ ގޯލާއި ރައްޓެހި އެއް ކުޅުންތެރިޔާ ކޭން ވަނީ މިހާތަނަށް ޓޮޓެންހަމް އަށް ކުޅެދިން 435 މެޗުގައި 280 ލަނޑު ޖަހާފައެވެ.

މި ސީޒަނަށް ފަހު ރެއާލު ދޫކޮށްލާނެކަން މިހާތަނަށް ވަނީ ހަތަރު ކުޅުންތެރިއަކު އިޢުލާން ކޮށްފައެވެ. އެއީ ހަޒާޑްއާއި މަރިއާނޯއާއި އެސެންސިއޯގެ އިތުރުން ބެންޒެމާއެވެ. ވުމާއެކު ކޭން ގަތުމަށް ބޮޑު ހޭދައެއް ކުރަން ޖެހުނު ނަމަވެސް ރެއާލަށް މައްސަލައަކަށް ވާނެކަމާށް ނުފެނެއެވެ.

ބެންޒެމާ ނެތްތަން ފޫބައްދަން ރެއާލުން ފާރަލަމުން އަންނަ ފޯވާޑުންގެ ތެރޭގައި ކޭންގެ އިތުރުން މި ސީޒަންގައި ނަޕޯލީގައި މޮޅު ކުޅުމެއް ދެއްކި ވިކްޓަރ އިޝީމަން، އިންޓަ މިލާނަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް ލައުޓާރޯ މާޓިނޭޒް، ޗެލްސީއަށް ކުޅެމުން އަންނަ ޖަރުމަނުގެ ފޯވާޑް ކައި ހަވާޓްޒްގެ އިތުރުން ޔުވެންޓަސް އަށް ކުޅެމުން އަންނަ ޑޫސަން ވަލޮހޮވިޗް ހިމެނެއެވެ.

ރެއާލުން ވަނީ އިއްޔެގެ ވަގުތެއްގައި ޖޫޑް ބެލިންހަމްގެ ސޮއި ހޯދާފައެވެ. ރިޕޯޓުތަށް ބުނާގޮތުން އުމުރުން 19 އަހަރުގެ ޖޫޑް ބެލިންހަމް ރިއަލް މެޑްރިޑަށް ބަދަލުވެފައި ވަނީ 100 މިލިއަން ޔޫރޯގެ އަގަކަށެވެ.