އިނގިރޭސި ޕްރިމިއާ ލީގުގެ ޓޮޓެންހަމް އަށް ކުޅެމުން އަންނަ އިނގިރޭސި ފޯވާޑް ހެރީ ކޭން ހޯދުމަށް ޖަރުމަނުގެ ބަޔާން މިޔުނިކުން ދެވަނަ ބިޑެށް ހުށައަޅައިފިއެވެ.

މީޑިޔާ ރިޕޯޓުތަށް ބުނާ ފުރަތަމަ ބަޔާއިން ހުށައެޅި 70 މިލިއަން ޔޫރޯގެ ބިޑު ވަނީ ބަޔާންއިން ބަލައިނުގަނެ ދޫކޮށްލާފައެވެ. އެހެން ކަމުން ކޭން ހޯދުމަށް ބަޔާންއިން ވަނީ 80 މިލިއަން ޔޫރޯގެ ބިޑެއް އަލުން ހުށައަޅާފައެވެ.

2009 ވަނަ އަހަރު ޓޮޓެންހަމްއާ ގުޅުނު ކޭން ވަނީ އެކި އަހަރުތައް މަތިން ލޯނު އެއްބަސް ވުމުގެ ދަށުން އެހެން ކުލަބު ތަކަށް ކުޅެދީފައެވެ. އެގޮތުން 2011 ވަނަ އަހަރު ލިއެޓޮން އޮރިއެންޓް، 2012 ވަނަ އަހަރު މިލްވޯލް، އަދި ހަމަ އެއަހަރު ނޯވިޗް ސިޓީގެ އިތުރުން 2013 ވަނަ އަހަރު ލެސްޓާ ސިޓީއަށްވެސް ވަނީ ކުޅެފައެވެ.

ކުލަބަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާގެ ރެކޯޑު ހެރީ ކޭން ވަނީ ނިމިދިޔަ ސީޒަންގައި މުގުރާލާފައެވެ. އެންމެ ފަހުން މި ރެކޯޑު ހަދާފައި ވަނީ 1970 ވަނަ އަހަރު ޖިމީ ގްރީވްސްއެވެ. އެއީ 266 ގޯލު ކުލަބަށް ކާމިޔާބުކޮށްދީގެންނެވެ. ހެރީ ކޭން ރެކޯޑު މުގުރާލާފައި ވަނީ 280 ގޯލު ކުލަބަށް ކާމިޔާބުކޮށްދީގެންނެވެ. އެއީ ޖިމީ ގްރީވްސްއަށް ވުރެ ހަތަރު މެޗު މަދުން ކުޅެގެންނެވެ.

ޓޮޓެންހަމްގެ އިތުރުން ހެރީ ކޭން އަކީ އިނގިރޭސި ގައުމީ ޓީމުގައިވެސް މުހިންމު ދައުރެއް އަދާ ކުރަމުންދާ ކުޅުންތެރިއެކެވެ. 2015 ވަނަ އަހަރުން ފެށިގެން ގައުމީ ޓީމަށް ކުޅެމުން ގެންދާ ކޭން ވަނީ ގައުމީ ޓީމަށް ޖުމުލަ 84 މެޗު މިހާތަނަށް ކުޅެދީފައެވެ. އަދި ވޯލްޑް ކަޕު ފަދަ މުހިންމު ބޮޑެތި މުބާރާތް ތަކުގައި ވަނީ ގޯލުވެސް ޖަހާދީފައެވެ. ގައުމީ ޓީމަށް ޖުމުލަ 58 ގޯލު މިހާތަނަށް ކޭން ވަނީ ކާމިޔާބުކޮށްދީފައެވެ.