ޕްރިމިއާ ލީގުގައި ފުލަމް އިން ފަހަތުން އަރައި ނޮޓިންހަމް ފޮރެސްޓް 3-1 އިން ބަލިކޮށް ތަފާތު ދައްކައިފިއެވެ.

ނޮޓިންހަމް ފޮރެސްޓްގެ ދަނޑުގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވެސް އެ ޓީމުންނެވެ. މެޗުގެ 11 ވަނަ މިނެޓުގައި މި ގޯލް އެ ޓީމަށް ކާމިޔާބުކޮށް ދިނީ ޓައިވޯ އަވޮނިޔީއެވެ. ދެ ޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މެޗުގެ ފުރަތަމަ ހާފް ނިމުނީ ނޮޓިންހަމް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފްގައި ފުލަމްގެ ކުޅުން ވަރަށް ބޮޑަށް ރަނގަޅު ކުރިއެވެ. އެގޮތުން ހަ ވަރަކަށް މިނެޓު ތެރޭގައި ތިން ގޯލް ފުލަމް ޖަހައި މެޗު ވަނީ އަނބުރާލައިފައެވެ.

ފުލަމްގެ ފުރަތަމަ ލަނޑު މެޗުގެ 54 ވަނަ މިނެޓުގައި ކާމިޔާބުކޮށް ދީފައި ވަނީ ޓޮސިން އަޑަރަބިޔޯއެވެ. އަދި ދެވަނަ ލަނޑު މެޗުގެ 57 މެޗުގައި ކާމިޔާބުކޮށް ދިނީ ޖާއޯ ޕައުލިންހޯއެވެ. ތިން ވަނަ ލަނޑު 60 މިނެޓު ޖެހީ ހަރިސަން ރީޑްއެވެ.

މި ނަތީޖާއާ އެކުގައި ފުލަމް އޮތީ ކުޅުނު ހަތް މެޗުން 11 ޕޮއިންޓް ހޯދައިގެން ތާވަލްގެ ހަ ވަނައިގައެވެ. އެ ޓީމު ކުޅުނު ހަތް މެޗުގެ ތެރެއިން ތިން މެޗުން މޮޅުވި އިރު، ދެ މެޗުން ބަލިވެ، ދެ މެޗުން ވަނީ އެއްވަރުވެފައެވެ. މި ސީޒަން ފެށުނު ފަހުން ތަފާތު ދައްކަމުން އަންނަ އެއް ޓީމަކީ ވެސް ފުލަމްއެވެ.

އެ ޓީމުން ވަނީ ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި ލިވަޕޫލް އާ ކުޅެ 2-2 އިން އެއްވަރުކޮށްފައެވެ. އަދި މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ބްރައިޓަން 2-1 އިން ބަލިކޮށްފައިވެއެވެ. އެ ޓީމު ބަލިވެފައި ވަނީ ވަރުގަދަ އާސެނަލް އާއި ޓޮޓެންހަމް އަތުންނެވެ.