ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ކޯޗު ރަފާ ބެނިޓޭޒް ސްޕެނިޝް ލީގުގެ ސެލްޓަ ވިގޯގެ ކޯޗުކަމާ ހަވާލުވާން ނިންމައިފިއެވެ.

ބެނިޓޭޒް ސެލްޓަ ވިގޯގެ ކޯޗުކަން ހަވާލު ކުރި ކަން ސެލްޓަ ވިގޯ އިން ވެސް ވަނީ އިއުލާންކޮށްފައެވެ. އޭނާ އެ ޓީމުގެ ކޯޗުކަމާ ހަވާލުވީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

ލިވަޕޫލް، ރެއާލްމެޑްރިޑް އަދި ނިއުކާސަލް ޔުނައިޓެޑަށް ވެސް ކޯޗުކޮށްދިން ބެނިޓޭޒް ސެލްޓަ ވިގޯއާ ރަސްމީކޮށް ގުޅުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެންނެވެ.

ބެނިޓޭޒް 63، އެންމެ ފަހުން ހުރީ އެވަޓަންގެ ކޯޗު ކަމުގެ މަގާމުގައެވެ. އެކަމަކު، މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވަޓަންގެ ކޯޗު ކަމުން ވަކި ކުރި ފަހުން އޭނާ އިތުރު ކްލަބަކާ ހަވާލެއް ނުވެއެވެ. ބެނިޓޭޒް ވަނީ އޭގެ ކުރިން ޗެލްސީ، ނަޕޯލީ، ވެލެންސިއާ އަދި އިންޓަ މިލާނަށް ވެސް ކޯޗުކޮށްދީފައެވެ.

ބެނިޓޭޒް ވަނީ ޗެމްޕިއަންސް ލީގާއި ސްޕެނިޝް ލީގު ދެ ފަހަރު، ޔޫރަޕާ ލީގާއި ޔޫއެފާ ކަޕާއި ކްލަބް ވޯލްޑް ކަޕާއި އެފްއޭ ކަޕާއި ކޮޕާ އިޓަލީއާ ކާމިޔާބުކޮށްފައެވެ.

ސެލްޓަ ވިގޯ އިން ބުނި ގޮތުގައި ބެނިޓޭޒްއަކީ ދުނިޔޭގައި ހުރި އެންމެ ކާމިޔާބު ކޯޗުންގެ ތެރެއިން އެކަކެވެ.