ދާދި ފަހުން އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބެއް ކަމުގައިވާ ނިއުކާސްލް ދޫކޮށް ޗައިނާގެ ޑަލިޔަން ޔިފާންގް އަށް ބަދަލުވި ކޯޗު ރަފާ ބެނިޓޭޒް އިރުޝާދު ދިން އެންމެ ފުރަތަމަ މެޗުންވެސް 3 ޕޮއިންޓް ހޯދައިފިއެވެ.

ދުނިޔޭގެ އެންމެ މޮޅު އެއް ކޯޗުންގެ ތެރޭގައި ހިމެނޭ ރަފާ ބެނިޓޭޒް މީގެ ކުރިން އިރުޝާދު ދިން ކޮންމެ ޓީމަކާއި އެކުވެސް ތައްޓެއް ކާމިޔާބު ކޮށްފައި ވާއިރު ގިނަ ބަޔަކު ތިބީ ޗައިނާގައި އޭނާއަށް ވާނޭ ގޮތަކާއި މެދު ބަލަން ކެތް މަދުވެފައެވެ.

ހެނަން ޖިޔަންއޭ ބަލިކޮށް ޑަލިޔަން ޔިފާންގް އިން ބެނިޓޭޒް އާއި އެކު ކުޅުނު ފުރަތަމަ މެޗުގައި 3-1 ލަނޑުގެ ނަތީޖާ އަކުން ކާމިޔާބު ކުރި ނަމަވެސް، އެ ޓީމު އަދި އޮތީ ޗައިނީސް ސުޕަރ ލީގުގެ ޕޮއިންޓް ތާވަލުގެ 10 ވަނާގައެވެ.

ޗައިނާގައި ބެނިޓޭޒްއަށް އަހަރެއްގެ މައްޗައް 12 މިލިއަން ޕައުންޑް ދޭން ހަމަޖެހިފައި ވާއިރު، ކުރިއަށް އޮތް ދުވަސްތަކުގައި އޭނާގެ ޓީމު ޗައިނީސް ލީގުގެ ގަދަ ބާރަކަށް ވާނޭ ކަމަށް ފުޓްބޯޅައިގެ މާހިރުން އަންނަނީ ބުނަމުންނެވެ.

މީގެ ކުރިން ރެއަލް މެޑްރިޑާއި، އިންޓަ މިލާން، ލިވަޕޫލް އަދި ޗެލްސީ ފަދަ ބޮޑެތި ކްލަބްތަކަށް އިރުޝާދު ދީފައިވާ އުމުރުން 51 އަހަރުގެ ބެނިޓޭޒް ޗައިނާއަށް ބަދަލުވެފައި ވާއިރު، މި ހަފްތާ ތެރޭގައި ވެސްޓް ހަމް އަށް ކުޅެމުން އަންނަ ފޯވާޑް މާކޯ އަރްނައޫޓޮވިޗް ވެސް ޗައިނީސް ލީގުގެ ކްލަބަކަށް ސޮއި ކުރުމަށް އަންނަނީ ތައްޔާރު ވަމުންކަން ފާހަގަކޮށްލެވެއެވެ.