ޗައިނީސް ސުޕަލީގުގައި ކުޅެމުން އަންނަ ވޫހާން ޒާލް، ތިން މަހަށްފަހު އެނބުރި ގައުމަށް ގޮސްފިއެވެ.

ކޮވިޑް 19ގެ މައި ހަބެއްގެ ގޮތުގައި ޗައިނާގެ ވޫހާން ސިފަކުރެވިފައި އޮތްއިރު، އެ ކްލަބުން އެނބުރި އަމިއްލަ ސިޓީއަށް ދިޔައީ ސްޕެއިންގައި 104 ދުވަސް ހޭދަކުރުމަށްފައެވެ. ފިނި މޫސުމުގެ ތަމްރީން ކޭމްޕަކަށް ސްޕެއިންއަށް ދިޔަ ޒާލް، އެގައުމުގައި ތާށިވީ ވޫހާންގައި ބާރު ސްޕީޑުގައި ކޮރޯނާ ފެތުރެމުން ދިޔުމުގެ ސަބަބުންނެވެ.

އިއްޔެގެ ވަގުތެއްގައި އެޓީމު ޗައިނާއަށް ގޮސްފައިވާއިރު، ޝެންޒިން އެއާޕޯޓަށް ޖައްސާފައިވަނީ ޖަރުމަނު މަގުން ދިޔަ ފްލައިޓެއްގައެވެ. އެއްގަމު މަގުން ވޫހާންއަށް ޓީމު އެތެރެވެފައިވާއިރު، އަމިއްލަ ސިޓީއަށް ޓީމު ދިޔަ ވަގުތު އަސަރުގަދަ މަންޒަރުތަކެއް ފެނިފައިވެއެވެ. ކުޅުންތެރިންގެ އާއިލާތަކުގެ މީހުން ޓީމު އަންނަ ތަނަށް ގޮސްފައިވެއެވެ. އަދި ކުޅުންތެރިންގެ އާއިލާތަކާ ބައްދަލުވުމުން އުފަލުން ރުއި މަންޒަރުވެސް ފެނިގެން ދިޔައެވެ.

ސަޕޯޓަރުން ކުޅުންތެރިންނަށް މާ ގޮށިތައް ދީ މަރުހަބާ ކިޔާފައިވާއިރު، ވޫހާން ހުޅުވާލިތާ އަދި މާ ގިނަ ދުވަހެއް ނުވެއެވެ.

ޗައިނާގައި ހަލުވި ކަމާއެކު ކޮވިޑް 19 ފެތުރިގެން ދިޔަ ނަމަވެސް، އެގައުމުން އެޅި ހަރުކަށި ފިޔަވަޅުތަކާއެކު މިހާރު ވަނީ ބަލި ކޮންޓްރޯލް ކޮށް، ވޫހާން ސިޓީވެސް ހުޅުވާލާފައެވެ. އެހެން ނަމަވެސް 22 ފެބްރުއަރީގައި ފަށަން ތާވަލުކުރި ލީގު، އަލުން ފަށާނެ ތާރީޚެއް އަދި ބުނަން ނޭނގެއެވެ.