ރެއަލް މެޑްރިޑުން ދޫކޮށްލުމަށް މަސައްކަތް ކުރަމުން އަންނަ ވޭލްސްގެ ސްޓްރައިކާ ގެރެތް ބޭލް ޗައިނާގެ ކްލަބަކުން ނުފެންނާނެކަން ހާމަ ވެއްޖެއެވެ.

ޒައިނެއްދީން ޒިދާންގެ އިރުޝާދުގެ ދަށުން ބޭލް ބާކީ ވެފައި ވާއިރު، ދާދި ފަހުން އޭނާ ވަނީ އެހެން ކްލަބަކަށް ބަދަލުވުމުގެ މަސައްކަތް ވެސް ފަށައިފައެވެ.

ބޭލް އަށް ޝައުގުވެރިވެ، ޗައިނާގެ ދެ ކްލަބަކުން ބޮޑު ހުށަހެޅުމެއް ހުށަހަޅާފައި ވީ ނަމަވެސް، އެމީހުންނާއި ކުރެވުނު މަޝްވަރާތަކަށް ފަހު ބޭލް ޗައިނާ އަށް ނުދާނޭ ކަމަށް ބޭލްގެ އޭޖެންޓު މައުލޫމާތު ދެއެވެ.

ޗައިނާގެ އެއް ކްލަބުން ހަފްތާ އެއްގެ މައްޗައް ބޭލް އަށް 1 މިލިއަން ޕައުންޑު ދީ، ދުނިޔޭގެ އެންމެ ބޮޑު މުސާރަ ލިބޭ ކުޅުންތެރިޔާ އަށް ހަދަން މަސައްކަތް ކުރި ނަމަވެސް، ކުރި މަޝްވަރާ ތަކުގައި ކޮޅެއް ނުފެނުމުން އެ ކްލަބުން ބުނެފައި ވަނީ ބޭލްގެ ބަދަލުގައި ބޭރު ދެ ކުޅުންތެރިން ގެންނާނޭ ކަމަށެވެ.

މިހާރު ކުރިއަށް ދާ ޕްރީ ސީޒަން ޓުއާގައި ރެއަލް މެޑްރިޑުން އާސެނަލް އާއި ދެކޮޅަށް އެންމެ ފަހުން ކުޅުނު މެޗުގައި ބޭލް ވަނީ ކުޅެން އަރައި ލަނޑެއްވެސް ޖަހައިފައެވެ. ނަމަވެސް އެ މެޗު އެއްވަރު ވުމުން ޕެނަލްޓީ ޖެހި އިރު، ބޭލް ފޮނުވާލި ބޯޅަ ވަނީ ގޯލުގެ އެތެރެއަށް ވަންނަ ގޮތް ނުވެފައެވެ. ނަމަވެސް 3-2ން ޕެނަލްޓީގައި އެ މެޗު ކާމިޔާބު ކުރީ ރެއަލް މެޑްރިޑުންނެވެ.

ބޭލް ރެއަލް މެޑްރިޑު ދޫކޮށްލަން އުޅޭ އިރު، ބަޔާން އިން ވަނީ އޭނާ އެ ކްލަބަށް އައުމުގެ ފުރުސަތު އަބަދުވެސް ހުޅުވާލެވިފައި އޮތް ކަމަށް ބުނެފައެވެ. ނަމަވެސް ބޭލް ބޭނުންވާ ފަދަ ބޮޑު މުސާރަ އެއް ބަޔާން އަށް ދެވިދާނޭ ކަމާއި މެދު ސުވާލު އުފެދެއެވެ.