އެފްރިކާ ކަޕް ބާއްވަމުން އަންނަ މިސްރުން ގަދަ 16ގައި ދެކުނު އެފްރިކާއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، އެޓީމަށް މުބާރާތް ނިމިއްޖެއެވެ.

ރޭގެ މެޗު ދެކުނު އެފްރިކާއިން ކާމިޔާބުކުރީ 1-0ގެ ނަތީޖާއަކުންނެވެ. މެޗުގެ ހަމައެކަނި ގޯލް ފެނިގެން ގޮސްފައި ވަނީ 85 ވަނަ މިނެޓުގައެވެ.

މިސްރުގެ އެތައް ހާސް ސަޕޯޓަރުންނެއް ކުރިމަތީގައި ކުޅުނު މެޗުގެ ކުރިން ދެކުނު އެފްރިކާގެ ކޯޗު ބުނެފައި ވަނީ މިސްރު ބަލިކުރުމަކީ "މުޅި ގައުމަށް" އޭގެ ލަދާ ކުރިމަތިލާން ޖެހޭނެ ކަމެއް ކަމަށެވެ. އަދި މުބާރާތް ބާއްވާ ގައުމާ ދެކޮޅަށް، އެގައުމުގެ ސަޕޯޓާރުން ކުރިމަތީ ކުޅުމަކީ އިތުރު ހިތްވަރެއް ލިބޭނެ ކަމެއް ކަމަށްވެސް ދެކުނު އެފްރިކާގެ ކޯޗު ބެކްސްޓާ ވަނީ ބުނެފައެވެ.

މެޗުގެ ކުރިން ބޭއްވި ފަރިތަކުރުންތަކުގައިވެސް ސަލާހް ބައިވެރިވެފައި ނުވާ އިރު، އޭނާ ހުރީ ރޯގާ ޖެހިފައެވެ. އެހެން ނަމަވެސް ރޭގެ މެޗުގެ ފުރަތަމަ 11 އިން ސަލާހް ފެނިފައިވެއެވެ. ސަލާހްގެ ފަރާތުން މެޗުގައި އެންމެ އެކަށީގެންވާ ކުޅުމެއް ފެނިގެން ގޮސްފައި ނުވާ އިރު، ރޭގެ ބައްޔަކީ ސަޕޯޓަރުންނަށް ބަލައިގަންނަން އުނދަގޫ ބައްޔެކެވެ.

މެޗުގެ ފަހުކޮޅުފައި ދެކުނު އެފްރިކާއިން ގޯލް ޖެހީ ގޯލެއް ޖެހުމަށް މިސްރުގެ ޓީމު ކުރިއަށް ޖެހުނު ދަނޑިވަޅުގައި، އުފެއްދި ކައުންޓާ އެޓޭކަކުންނެވެ. ދެކުނު އެފްރިކާގެ ގޯލް ކާމިޔާބު ކޮށްދިނީ ތެމްބިންކޯސީއެވެ.