މިއަހަރުގެ ކޮޕާ އެމެރިކާގައި ބްރެޒިލުން ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ، އެޓީމުން ނުވަ ވަނަ ފަހަރަށް ތަށި އުފުލާލައިފިއެވެ.

މިއަހަރުގެ މުބާރާތް ބްރެޒިލްގައި ބާއްވާފައިވާ އިރު، މިރޭ ކުޅުނު ފައިނަލް މެޗުގައި ބްރެޒިލުން ޕެރޫ ބަލިކުރީ 3-1ގެ ނަތީޖާއަކުންނެވެ.

މިއީ 2007 ވަނަ އަހަރަށްފަހު ބްރެޒިލުން ކޮޕާ އެމެރިކާ ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. އޭގެފަހުން ބްރެޒިލުން ފައިނަލެއްވެސް ކުޅެފައި ނުވާ އިރު، ބްރެޒިލަކީ ކޮޕާ އެމެރިކާ މުބާރާތުގައި ތިންވަނައަށް އެންމެ ކާމިޔާބު ޓީމެވެ.

މިރޭގެ މެޗާ ހަމައަށް އައި އިރު، މުބާރާތުގައި ކުޅުނު ފަސް މެޗުގެ ތެރެއިން އެއްވެސް މެޗަކުން ބްރެޒިލް ބަލިވެފައެއް ނުވެއެވެ. އަދި މިރޭގެ މެޗު ފިޔަވާ އެހެން މެޗެއްގައި ބްރެޒިލް ކޮޅަށް ގޯލެއްވެސް ވަދެފައެއް ނުވެއެވެ. ޕެރޫން ސަޕްރައިޒް ޓީމެއްގެ ގޮތުގައި ފައިނަލާ ހަމައަށް އައި އިރު، އެޓީމުން ވަނީ ސެމީގައި އެންމެފަހުން ދެއަހަރުގެ ޗެމްޕިއަން ޗިލީ ބަލިކޮށްފައެވެ.

ގްރޫޕް ސްޓޭޖުގައި ޕެރޫއާ ބްރެޒިލް ކުޅުނު މެޗުގައި، ބްރެޒިލުން ޕެރޫ ކޮޅަށް ފަސް ގޯލް ޖަހާފައިވާ އިރު، މިރޭގެ މެޗުވެސް ޑޮމިނޭޓް ކޮށް ކުޅުނީ ބްރެޒިލެވެ. މެޗުގެ 69 ވަނަ މިނެޓުގައި ބްރެޒިލްގެ ގެބްރިއަލް ޖީސަސްއަށް ދެއްކި ރަތް ކާޑާއެކު ބްރެޒިލުން ކުޅުންތެރިޔަކު މަދުކޮށް ކުޅުނު ނަމަވެސް، މެޗުގެ ފަހު ކޮޅުގައިވެސް ބްރެޒިލްގެ ކުޅުމުން އެކަން ފެނިފައެއް ނުވެއެވެ.

މެޗުގެ ކުރީކޮޅުގައި ބްރެޒިލަށް ގޯލް ހުޅުވާލަ ދިނީ އެވަޓަންއެވެ. މިރޭގެ މެޗުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި އެވަޓަން، ގޯލް ހުޅުވާލަ ދިނީ ގެބްރިއަލް ޖީސަސްގެ އެސިސްޓަކުންނެވެ. އަރިމަތިން ޖީސަސް ނަގައިދިން ހުރަސް، އެވަޓަން ނިންމާލީ ފަސޭހަކަމާއެކުގައެވެ.

ބްރެޒިލުން ފުރަތަމަ ހާފްގައިވެސް އިތުރު ގިނަ ހަމަލާތަކެއް އުފެއްދި އިރު، ރޮބާޓް ފިރްމީނޯއާއި ކުޓީނިއޯއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވުނެވެ. ހާފް ނިމެން ދަނިކޮށް، ޕެރޫއަށް ޕެނެލްޓީއެއް ލިބުމާއެކު މެޗުގެ ނަތީޖާ ހަމަހަމަ ވެގެންދިޔައެވެ. ޕައުލޯ ގޮރޭރޯގެ ގޯލާއެކު ޕެރޫން ނަތީޖާ ހަމަހަމަ ކުރިތާ، ދެ މިނެޓްވެސް ނުވަނީސް ބްރެޒިލުން އަނެއްކާވެސް ލީޑު ނެގިއެވެ.

ގްބްރިއަލް ޖީސަސް ދެވަނަ ފަހަރަށް ލީޑު ނަގައިދިން އިރު، ދެވަނަ ހާފްގައިވެސް ރަނގަޅަށް ކުޅެ، ހަމަލާ އުފެއްދީ ބްރެޒިލެވެ. އެހެން ނަމަވެސް ޖީސަސްއަށް ދެއްކި ރަތް ކާޑާއެކު ޕެރޫންވެސް ވަނީ ފުލުފުލުގައި ދެ ހަމަލާއެއް އުފައްދާފައެވެ. އެ ހަމަލާތަކުން ބްރެޒިލް ސަލާމަތް ކޮށްދިނީ ގޯލްކީޕަރު އެލިސަން ބެކާއެވެ.

މަރަކާނާ ސްޓޭޑިއަމްގެ އަޑު ގަދަކޮށްލާ، ސަޕޯޓަރުން އުފަލުން ފޮޅުވާލި ތިންވަނަ ގޯލް، މެޗުގެ ފަހު މިނެޓް ކޮޅުގެ ތެރޭގައި ބްރެޒިލުން ކާމިޔާބުކުރީ ލިބުނު ޕެނެލްޓީއަކުންނެވެ. ފައިނަލް މެޗުގައި މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އެވަޓަންއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނެލްޓީ ބްރެޒިލަށް ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތް ރިޗާލްސަންއެވެ.

މުބާރާތުގެ ފެއާޕްލޭ އެވޯޑުވެސް ބްރެޒިލަށް ލިބިފައިވާ އިރު، ރަން އަންގި ލިބިފައި ވަނީ ބްރެޒިލް ގޯލްކީޕަރު އެލިސަން ބެކާއަށެވެ. ރަން ބޫޓު ހާސިލްކުރީ ބްރެޒިލްގެ އެވަޓަންއެވެ.

ބްރެޒިލުން މިއަހަރުގެ މުބާރާތަށް ޓީމުގެ ތަރި ނޭމާއާ ނުލާ ނުކުތް އިރު، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ޑެނީ އަލްވޭސްއެވެ.

އަންނަ އަހަރުވެސް ކޮޕާ އެމެރިކާ ބާއްވަން ހަމަޖެހިފައިވާ އިރު، މުބާރާތް އޮންނާނީ ކޮލަމްބިއާ އަދި އާޖެންޓީނާގައެވެ.