ފްރާންސްގެ ޕެރިސް ސެއިންޓް ޖަމައިން (ޕީއެސްޖީ)ގެ ތަރި ނޭމާ އެ ކްލަބު ދޫކޮށްލަން ބޭނުންވާ ކަން ހާމަ ކޮށްފައި ވާއިރު، ފެށޭ ސީޒަނަށް ތައްޔާރު ވުމުގެ ގޮތުން ބާއްވާ ޕްރީ ސީޒަން ޓުއާގައި ބައިވެރި ނުވުމުން ނޭމާ އާއި ދޭތެރޭ ހަރުކަށި ފިޔަވަޅު އަޅަން އެ ކްލަބުން ނިންމައިފިއެވެ.

2017ވަނަ އަހަރު ބާސެލޯނާ އިން ރެކޯޑް އަގަކަށް ޕީއެސްޖީ އަށް ބަދަލުވި ނޭމާ އަނެއްކާ ބާސާ އަށް ދާން މަސައްކަތް ކުރަމުން އަންނަ އިރު މީގެ ކުރިން އެ ކްލަބުން ވަނީ ނޭމާ ދޫކޮށްލަން ބޭނުން ނުވާ ކަމަށް ބުނެފައެވެ.

ނަމަވެސް، އޭނާ ޕްރީ ސީޒަން ޓުއާގައި ޕީއެސްޖީ ކުޅުންތެރި އެއްގެ ގޮތުގައި ހުރެ، ނައުމުން އެ ކްލަބުން ވަނީ އޭނާ އަށް ފިޔަވަޅު އަޅަން ނިންމާފައެވެ. ބެލެވޭ ގޮތުގައި ފައިސާގެ ބޮޑު އަދަދަކުން ނޭމާ ޖޫރުމަނާ ކުރާނީއެވެ.

ނޭމާ ދޫކޮށްލަން ޕީއެސްޖީ އިން ބޭނުން ނުވާ ކަމަށް ބާސާއިންވެސް ބުނެފައި ވާއިރު، ނޭމާ އަށް ރަނގަޅު އަގެއް ކިޔައިފިނަމަ އެ ކްލަބުން ތިބީ އޭނާ ދޫކޮށްލާ ގޮތަށެވެ. ނޭމާ ބޭނުންވާ ކަމާއި މެދު ބާސާގެ ބޯޑު ތެރޭ ހިޔާލް ތަފާތުވުންތަކެއް އުފެދިފައި ވީ ނަމަވެސް، އެންމެ ފަހުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އެ ކްލަބުން ނޭމާ ގަންނާނެއެވެ.