ދެހާސް ތޭވީސްވަނަ އަހަރު އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ބޭއްވުމަށް ދިވެހިރާއްޖެއިން ކުރާ ބިޑަށް ސީޝެލްސްއިން ތާޢީދުކުރާނެ ކަމުގެ ޔަޤީންކަން ދީފިއެވެ.

މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޙްލޫފް އަދި މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު މިހާރު ސީޝެލްސްއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެދެބޭފުޅުން ވަނީ އެޤައުމުގެ ރައީސް ހިޒް އެކްސަލަންސީ މިސްޓަރ ޑެނީ ފޯރގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ.

ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވަނީ ސީޝެލްސްގެ ރައީސަށް، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ފަރާތްޕުޅުން ރަސްމީ ސިޓީފުޅެއް އަރުވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ސީޝެލްސްގެ ރައީސްވަނީ 2023 ވަނަ އަހަރު އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ބޭއްވުމަށް ރާއްޖެއިން ކުރާ ބިޑަށް ތާޢީދު ކުރައްވާނެ ކަމުގެ ޔަޤީންކަން އަަރުވާފައެވެ.

ސީޝެލްސްއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދެވަޒީރުން ވަނީ ސީޝެލްސްގެ މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސްއާ ވެސް ބައްދަލުކުރައްވާފައެވެ.

މިދަތުރުފުޅަކީ 2023 ވަނަ އަހަރު އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ބޭއްވުމަށް ރާއްޖެއިން ކުރާ ބިޑަށް ތާޢީދު ހޯދުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މަންދޫބުންގެ ގޮތުގައި ދެވަޒީރުން ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ. ސީޝެލްސްގެ އިތުރުން ކޮމޮރޯސް އަދި މޮރިޝަސްއަށް މި ދަތުރުފުޅުގައި ދެވަޒީރުން ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.