އެޗްއެސްސީ ފުޓްސަލް ޗެލެންޖުގެ ފުރަތަމަ މެޗު، އެންމެފަހުން ދެއަހަރުގެ ޗެމްޕިއަން ބޭރުމަތިން ކާމިޔާބު ކޮށްފިއެވެ.

ރާއްޖޭގެ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތް، "ވަގުތު" ފުޓްސަލް މުބާރާތް މިރޭ ފެށިގެން ދިޔައީ ހާއްސަ މެޗަކުންނެވެ. އައްޑޫ ސިޓީގެ އަންހެން ކަނބަލުންގެ ދެޓީމުގެ މެދުގައި ކުޅުނު މެޗަކުންނެވެ. މެޗުގައި އައްޑޫ ގާލްސްއާއި މައިލޯ ސިޓީ ވުމަންސްއެވެ. އެ މެޗު 2-1އިން ކާމިޔާބުކޮށްފައި ވަނީ އައްޑޫ ގާލްސްއެވެ.

މުބާރާތް ހުޅުވުމުގެ ގޮތުން ކުޅުނު މެޗު އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޔަޝްރިފް ޝަރަފުވެރި ކޮށްދެއްވި އިރު، މުބާރާތުގައި ކުޅުނު ފުރަތަމަ މެޗު ޝަރަފުވެރި ކޮށްދެއްވީ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ނާޒިލެވެ.

މުބާރާތް ހުޅުވުމަށް މިރޭ ބޭއްވި މެޗުގެ ތެރެއިން --- ވަގުތު އިމޭޖްސް/ މުހައްމަދު އަފްޒަލް

އެޗްއެސްސީ "ވަގުތު" ފުޓްސަލް ޗެލެންޖުގެ ފުރަތަމަ މެޗުގައި މިރޭ ވާދަކުރީ ގްރޫޕް އޭގެ ބޭރުމަތި އަދި ނެކްސަސްއެވެ. އެ މެޗު ބޭރުމަތިން ކާމިޔާބުކުރީ 2-1ގެެ ނަތީޖާއަކުންނެވެ.

މެޗުގެ ދެވަނަ މިނެޓުގައިވެސް ބޭރުމަތީގެ ނުރައްކާ ފެނިގެންދިޔައެވެ. ކެޕްޓަން އަހުމަދު ނާޝިދު (ނައްޓޭ) ފޮނުވާލި ބޯޅައިގެ ހުރަހަކަށްވީ އަރިމަތީ ދަނޑިއެވެ. ފުރަތަމަ ދެވަނަ މިނެޓުގައި ބޭރުމަތިން ނުރައްކާ ކުރި ނަމަވެސް، އޭގެ ދެތިން މިނެޓްފަހުން ދެން ފެނުނީ ނެކްސަސްގެ އެޓޭކެކެވެ. އެޓީމުން ފޮނުވާލި ދެ ހަމަލާވެސް ދިފާއުކުރީ ބޭރުމަތީގެ ގޯލްކީޕަރު މުހައްމަދު ޝާފިއު (ޗެކް)އެވެ.

ފުރަތަމަ ހާފްގެ ކުރީ ކޮޅުގައި އަލީ ހާފިޒް (ހާއްޕެ)ގެ ނުރައްކާވެސް ފެނިގެންދިޔައެވެ. ހާއްޕެގެ ބާރު ދެ ހަމަލާއެއް މަތަކުރީ ނެކްސެސްގެ ގޯލްކީޕަރެވެ. ބޭރުމަތިން މެޗު ކޮންޓްރޯލް ކޮށްގެން ކުޅުނު އިރު، ހާފް ނިމެންދަނިކޮށް ބޭރުމަތިން ލީޑު ނެގިއެވެ. ނައްޓޭ ޖެހި ގޯލާއެކު ބޭރުމަތިން ހާފް ނިންމާލީ އިރު، ފުރަތަަ ހާފްގައި ނެކްސަސްއިން ހިތްވަރާއެކު ކުޅުނުކަން ފާހަގަކޮށްލެވުނެވެ. ހާފް ނިމެންދަނިކޮށްވެސް ފުލުފުލުގައި އުފެއްދި ދެ ހަމަލާވެސް މަތަކޮށް ބޭރުކޮށްލީ، ބޭރުމަތީގެ ގޯލްކީޕަރު ޗެކެވެ.

މިރޭ ކުޅުނު މެޗުގެ ތެރެއިން --- ވަގުތު އިމޭޖްސް/ މުހައްމަދު އަފްޒަލް

ދެވަނަ ހާފްގައި ބޭރުމަތިން ތަންކޮޅެއް ބޮޑަށް ހަމަޖައްސައިގެން ކުޅުނު އިރު، ހާފްގެ ކުރީކޮޅުގައި ލީޑު ފުޅާވެސް ކުރިއެވެ. ނެކްސަސްގެ ދެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު ހާއްޕެ ފޮނުވާލި ބޯޅަ ގޯލަށް ވައްދާލީ ފަސޭހަކަމާއެކުގައެވެ. އޭގެފަހުންވެސް ހާއްޕެގެ ދެ ހަމަލާއެއް ފެނިގެންދިޔައެވެ. ދެ ހަމަލާއަށްވެސް ހުރަސް އެޅީ ނެކްސެސްގެ ގޯލްކީޕަރެވެ.

ފަހު ހާފްގައި މެޗު އިތުރަށް ފޯރިގަދަވެގެން ދިޔައެވެ. ނެކްސެސްގެ މުހައްމަދު ޝިރުހާން ޖެހި ގޯލާއެކު ނަތީޖާ 2-1އަކަށް ބަދަލުވެގެން ދިޔުމުން، އެންމެފަހުގެ ޗެމްޕިއަން ބޭރުމައްޗަށް ޕްރެޝަރާ ކުރިމަތިވިއެވެ. މެޗުގެ ފަހުކޮޅުގައި ބޭރުމަތިން ކުރިއަށް ޖެހި ކުޅުނު އިރު، ނާއްޓެއާއި ގަބޭއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވުނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ ހާއްޕެއެވެ. ހާއްޕެއަށް ޓްރޮފީއާއި އާގަލާގެ ފަރާތުން ހުށަހަޅާ ޔުނިކައި ކިރު ޕެކެޓް ހަވާލުކޮށްދެއްވީ މެޗުގެ ޝަރަފުވެރި މެހެމާން މެމްބަރު ނާޒިލްއެވެ.

މިރޭގެ މެޗުގެ ތެރެއިން --- ވަގުތު އިމޭޖްސް/ އިބްރާހީމް ޝާބިލް

މިރޭގެ ދެވަނަ މެޗުގައި ވާދަކުރާނީ ވަން އެންޑް އޮންލީ ރީތި ރަށް އަދި ހޯދަޑު ސްޕޯޓްސްއެވެ.

މިރޭން ފެށިގެން މިމަހުގެ 26 ވަނަ ދުވަހަށް އައްޑޫ ހިތަދޫގައި ކުރިއަށްދާ "ވަގުތު" ފުޓްސަލް ޗެލެންޖަކީ ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 120000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ރަނަރަޕް ޓީމަށް 30000 ރުފިޔާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވެއެވެ.

މިއަހަރު މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ އެޗްއެސްސީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑެވެ. އެހެންކަމުން މިއަހަރުގެ މުބާރާތް ކުރިއަށް ގެންދާނީ އެޗްއެސްސީ "ވަގުތު" ފުޓްސަލް ޗެލެންޖްގެ ނަމުގައެވެ. ކޯ ސްޕޮންސަރަކީ ޝީޝާއެވެ. ބެވަރޭޖް ޕާޓްނާއަކީ އާގަލާއެވެ. ޓްރެވެލިން ޕާޓްނާއަކީ މޯލްޑިވިއަންއެވެ. ސްޕޯޓްސް ޕާޓްނާއަކީ ސޮނީ ސްޕޯޓްސްއެވެ.